ނުރައްކާތެރި ގޮތަކަށް ލޯންޗްތަކެއް ދުއްވި މައްސަލާގައި، ލޯންޗް ދުއްވަން ތިބި މީހުންގެ ލައިސަންސް ވަގުތީގޮތުން ހިފަހައްޓައި ޖޫރިމަނާ ކޮށްފިއެވެ.

ނުރައްކާތެރި ގޮތަކަށް ތިން ލޯންޗެއް ދުއްވި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ ވީޑިއޯ ވަރަށް ބޮޑަށް ވައިރަލްވެ ގިނަބަޔަކު ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވަނިކޮށް ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއިއެކު އެ މައްސަލަ ބަލަންފަށާފައިވާ ކަމަށެވެ.

Ad
rt

ފުލުހުން އިތުރަށް ބުނީ އެ މައްސަލައާއި ގުޅޭ ލިޔުންތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މައްސަލައާ ގުޅިގެން އަޅާނެ ދާއިމީ ފިޔަވަޅެއް ނިންމާނީ އެ މިނިސްޓްރީން ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ފެންނަނީ ތިން ލޯންޗެއް ވާދަޖަހާ ފަދަ ގޮތަކަށް ގޮސް އެކުއެކީގައި ރަށެއްގެ ނެރުން ވަންނަ މަންޒަރެވެ.

"ރިލެކްސް ގޯލްޑް" ލޯންޗް ނެރުން ވަދެވަދެ ހުއްޓައި "ނަސްރު ސްޕީޑް" ލޯންޗް އިތުރަށް ސްޕީޑް ބާރުކޮށް ފުރަތަމަ ބަނދަރަށް ވަންނައިރު، ދެ ލޯންޗް ވެސް އެއްވެސް ވަރަކަށް ސްޕީޑް މަޑުނުކުރެއެވެ. ދެ ލޯންޗް ވެސް ސްޕީޑް މަޑުކޮށްލަނީ ބަނދަރުތެރެއަށް ވަނުމަށް ފަހުއެވެ. އަދި އެ ދެ ލޯންޗްގެ ފަހަތުން ހަމަ އެކުއެކީގައި ކަހަލަ ގޮތަކަށް "ރަމްޒު ކްއީން" ނަމަކަށް ކިޔާ ލޯންޗެއް ވެސް ބާރު ސްޕީޑުގައި އައިސް ބަނދަރު ތެރެއަށް ވަންނަ ތަން އެ ވީޑިއޯގައި ފެނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތިން ލޯންޗަކީ ވެސް މާލެއާއި އއ.ތޮއްޑޫއާއި ދެމެދު ދުއްވާ ލޯންޗްތަކެވެ.