އިނިގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗި އެއްވަރުވެގެން ނިމެން ދަނިކޮށް ފަހުވަގުތު ލަނޑު ޖަހައިގެން ބްރައިޓަން އިން މެޗު ކާމިޔާބު ކޮށްފިއެވެ.
ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު، އެ ޓީމުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައި ވަނޯ 2-1 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބްރައިޓަން އިންނެވެ. މި ލަނޑު 32 ވަނަ މިނިޓްގައި ޖަޕާން ވިންގް، ކައޯރޫ މިޓޯމާ ދިން ބޯޅައަކުން ޖަހައިދިނީ ޑެނީ ވެލްބެކްއެވެ. މިއީ، ވެލްބެކްގެ ކެރިއަރުގައި ޖެހި 100 ވަނަ ލަނޑެވެ.
މެޗުގައި ދެ ލަނޑުގެ ލީޑެއް ނަގަން ރަނގަޅު ދެ ފުރުސަތެއް ބްރައިޓަން އަށް ލިބުނެވެ. އެ ޓީމްގެ މިލްނާ ފޮނުވާލި ބޯޅަ ގޯލަށް ވަދެވަދެ އޮއްވައި ސަލާމަތް ކުރީ ޔުނައިޓެޑްގެ ޑިފެންޑަރ ޑަލޯއެވެ. އޭގެ ފަހުން ވެލްބެކް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 60 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަމަދު ޑިއާލޯއެވެ. އޭނާ ފޮނުވާލި ބޯޅަ ބްރައިޓަން ކޮޅަށް ވަނީ އެ ބޯޅަ ސަލާމަތް ކުރަން މަސައްކަތްކުރި އެ ޓީމްގެ ޑިފެންދަރެއްގެ ގައިގައި ޖެހިފައެވެ.
ކައުންޓަ އެޓޭކުގައި ޔުނައިޓެޑުން ވަނީ އިތުރު ގޯލެއް ޖަހާފައެވެ. ޔުނައިޓެޑްގެ އަލެހަންދްރޯ ގާނާޗޯ ޖެހި ބޯޅަ އޮފްސައިޑްގައި ހުރި އެ ޓީމުގެ ޖޯޝުއާ ޒާކްޒީ ފައިގައި ޖެހިފައި ގޯލަށް ވަތްއިރު، ވީޑިއޯ ވީއޭއާރް އިން ނިންމީ އޮފްސައިޑް ކަމަށެވެ. ޒާކްޒީ ފައިގައި ނުޖެހި އެ ބޯޅަ ގޯލަށް ވަންނަމަ، އޮފްސައިޑްވުމުގެ ފުރުސަތެއް ނެތެވެ.
މެޗުން ބްރައިޓަން މޮޅުވީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނެޓުގެ ތެރެއިން ފަސްވަނަ މިނެޓުގައި ޕެޑްރޯ ޖަހައިދިން ލަނޑުންނެވެ. މި ސީޒަންގައި ބްރައިޓަން މިވަނީ ލީގުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފައެވެ. ފުރަތަމަ މެޗުގައި އެ ޓީމް ވަނީ 3-0 އިން އެވަޓަން ބަލިކޮށްފައެވެ. މިއީ ލީގުގައި ޔުނައިޓެޑް ވީ ފުރަތަމަ ބައްޔެވެ. ފުރަތަމަ މެޗުން ޔުނައިޓެޑް ވަނީ 1-0 ގެ ނަތީޖާއިން ފުލަމް މައްޗަށް ކުރި ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!