ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ދެ ބިދޭސީ އަންހެނުން މޯލްޑިވްސް އިމިގްރޭޝަނުން ޑީޕޯޓުކޮށްލާފައެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ދެ ފަރާތަކީ "ރަޖަނީ ޝްރެސްތާ" އާންމު ނަމުންނަމަ ރިޒް އާއި "ސުޝްމިތާ ދައުގޮދާ" އާންމު ނަމުންނަމަ ސުޒޫ އެވެ. މި ދެ ފަރާތާ ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެން، އިމިގްރޭޝަނުން ވަނީ ޚާއްޞަ އިންސްޕެކްޝަންތަކެއް ހިންގާފައެވެ.
ރިޒްއާ ގުޅޭގޮތުން ހިންގި އިންސްޕެކްޝަން ހިންގާފައިވަނީ 2024 އޮގަސްޓު 11 ވަނަ ދުވަހުއެވެ. މި އިންސްޕެކްޝަނުން އެނގުނު ގޮތުގައި ރިޒްއަކީ އޭނާއަށް ދޫކޮށްފައިވާ ވިސާގެ ހުއްދައިގެ ބޭރުން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން ދިޔަ ފަރާތެކެވެ. އަދި އޭނާގެ 4 ބިދޭސީ މުވައްޒަފުންގެ ވެސް ސައްހަ ވިސާއެއް ނެތްކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، ރިޒް އާއި އޭނާގެ މުވައްޒަފުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، 2024 އޮގަސްޓު 13 ވަނަ ދުވަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައެވެ.

ސުޒޫއާ ގުޅޭގޮތުން ހިންގި އިންސްޕެކްޝަން ހިންގާފައިވަނީ 2024 އޮގަސްޓު 18 ވަނަ ދުވަހުއެވެ. މި އިންސްޕެކްޝަނުން އެނގުނު ގޮތުގައި ސުޒޫ ވެސް ވަނީ އޭނާއަށް ދޫކޮށްފައިވާ ވިސާގެ ހުއްދައިގެ ބޭރުން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން ގޮސްފައެވެ. އެހެންކަމުން، ސުޒޫ ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، 2024 އޮގަސްޓު 20 ވަނަ ދުވަހު ފުރުވާލާފައެވެ.
މި ދެ ފަރާތަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ފަރާތްތަކެއް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!