ދ.ކުޑަހުވަދޫގައި ބޭއްވި "ދެވަނަ ބީޗުމާޓް ބީޗު ހޭންޑްބޯޅަ މުބާރާތް 2024" ގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ފެމެލީ ބޭކާސް ޓީމުން ހޯދައިފިއެވެ.
މި މުބާރާތަކީ ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޑަހުވަދޫގައި ބާއްވާފައިވާ މުބާރާތެކެވެ. ދެ ޖިންސަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ފިރިހެން 5 ޓީމް އަދި އަންހެން 4 ޓީމް ވަނީ ބައިވެރިވެފައެވެ.
ކުޅުދުއްފުށި ފެމެލީ ބޭކާސް ޓީމަކީ މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ރަށުން ބޭރުން ބައިވެރިވި ހަމައެކަނި ޓީމެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޓީމުން ހޯދާފައި ވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ފައިނަލުގައި ވާދަކުރީ ޒޯރު ސްޕޯޓްސް ކުލަބާއި ފެމެލީ ބޭކާސް ޓީމެވެ. ބޭކާސް ޓީމުން ވަނީ ފައިނަލް މެޗު ވެސް ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބޭކާސް ޓީމުގެ ޖޯޒީ ނަންބަރު 8 އަހުމަދު އަލީއެވެ.
މި މުބާރާތް ކުރިއަށް ގޮސްފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުން ތިންވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ދެވަނަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!