ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރަންޖެހޭ މެންބަރު ހޮވުމަށް މިއަދު ބޭއްވުނު އިންތިޚާބުގައި މިލަދުންމަޑުލު އުތުރުބުރީ (ށ. އަތޮޅު) ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ކާމިޔާބު ހޯއްދަވައިފި އެވެ.
މި އިންތިޚާބުގައި ވާދަކުރެއްވީ ހައްދުންމަތީ (ލ. އަތޮޅު) ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ އާއި ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިޔާމެވެ.
އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 18 ފަރާތަކަށް ކަމުގައިވީ ނަމަވެސް، ވޯޓުލުމުގައި ބައިވެރިވެފައިވަނީ 15 ފަރާތަކުންނެވެ.
ވޯޓު ގުނައި ނިމުނު އިރު، ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިޔާމަށް ލިބިވަޑައިގެންފައިވަނީ 9 ވޯޓެވެ. އަދި ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީއަށް ލިބިވަޑައިގެންފައިވަނީ 6 ވޯޓެވެ.
މި އިންތިޚާބަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ހިންގުމަށް މުހިންމު ދައުރެއް އަދާކުރާނެ މެންބަރެއް ހޮވުމަށް ބޭއްވުނު އިންތިޚާބެކެވެ.
ވަރަށް ހިންގުންތެރި އަތޮޅު ރައީސެއްގެ ގޮތުގައި ފާހަގަކުރެވޭ ޝިޔާންޓޭ މި މަޤާމަށް ހޮވިވަޑައިގަތުމާ ގުޅިގެން، އަތޮޅު ކައުންސިލްތަކުގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް އެލްޖީއޭގެ ބޯޑުގައި ހިއްސާކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!