ލޭ ހަދިޔާކުރުމާއި ލޭގެ ހިދުމަތްތައް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ކަމަށްވާ "ލޭ އެޕް" މިއަދު އިފްތިތާހްކޮށްފިއެވެ.
މި އެޕަކީ، އެޗްއާރުޑީއެންސީ އެލްއެލްޕީ ގެ ފަރާތުން، ސިއްހަތާ ބެހޭ ވުޒާރާ އާއި ގުޅިގެން ފަރުމާކޮށް، ތައާރަފްކޮށްފައިވާ އެޕެކެވެ. ސިއްހަތާ ބެހޭ ވުޒާރާގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެޕް އިފްތިތާހްކޮށްދެއްވީ، ސިއްހަތާ ބެހޭ ވަޒީރު، ޑރ.ޢަބްދުﷲ ޚަލީލެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން ބުނިގޮތުގައި، ލޭ އެޕަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުގައި ލޭ ހަދިޔާކުރުމާއި، ލެއާއި ގުޅުންހުރި ޚިދުމަތްތައް ހަރުދަނާކޮށް ފޯރުކޮށްދިނުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.
މި އެޕްގެ ސަބަބުން، ލޭގެ ސަޕްލައި މެނޭޖްމަންޓް ކުރިއަށް ގެންދާ ގޮތް ބަދަލުކޮށް، ރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ބޭނުންތަކަށް ލޭގެ ސަޕްލައި އެންމެ އެކަށީގެންވާ ފެންވަރެއްގައި ބެލެހެއްޓުމަށް މަގުފަހިވެގެންދާނެކަމަށް އެ ވުޒާރާއިން ބުނެފަވެއެވެ.
މި އެޕްގެ މައިގަނޑު ސިފަތައް:
ޑޯނަރުންގެ ބައިވެރިވުން އިތުރުކޮށްދިނުން: ލޭ އެޕު ވަނީ ބޭނުންކުރުމަށް ފަސޭހަކޮށް ފަރުމާކުރެވިފައެވެ. މި ކަމުގެ ސަބަބުން، ޑޯނަރުން ރަޖިސްޓަރ ކުރުމާއި، އެޕޮއިންޓްމެންޓު ޝެޑިއުލްކޮށް، ލޭ ހަދިޔާކުރުމަށް ރިމައިންޑަރސް ލިބުމުގެ މަރުހަލާ ފަސޭހަވެ، ޑޯނަރުންގެ ބައިވެރިވުން އިތުރުވެގެންދާނެއެވެ.
ރިއަލް-ޓައިމް އެލާރޓްސް: ޞިއްޙީ ވުޒާރާ އަދި މޯލްޑިވިއަން ބްލަޑް ސާރވިސަސް އާއި ގުޅިގެން ލޭ އެޕު މެދުވެރިކޮށް، ލޭގެ ސްޓޮކް މަދުވާ ހާލަތްތަކުގައި ލޭ އެޕުގައި ރަޖިސްޓަރކޮށްފައިވާ ޑޯނަރުންނަށް ވަގުތުން އެލާރޓް ފޮނުވިގެންދާނެއެވެ.
ލޭ ބޭނުންވާ އިމަޖެންސީ ހާލަތްތަކުގައި އަވަސް ހައްލަކަށް މަސައްކަތްކުރުން: އެމަޖެންސީ ހާލަތްތަކުގައި ލޭ ބޭނުންވާ ފަރާތްތަކުން ކުރާ ރިކުއެސްޓުތައް، ލޭ ދެވޭނެ ޑޯނަރުންނާއި އަވަހަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވިގެންދާނެއެވެ. އަޅުގަނޑުމެންގެ އަމާޒަކީ، ލޭ ހަދިޔާ ކުރާ ފަރާތްތަކާއި ލޭ ބޭނުންވާ ފަރާތްތައް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ގުޅުވާދެވިގެންދިއުމެވެ.
ރެކޯޑުތައް ބެލެހެއްޓުން ރަނގަޅުކުރުން: ލޭ އެޕު މެދުވެރިކޮށް، ޑޯނަރުންނާއި ލޭ ބޭނުންވާ ފަރާތްތަކުގެ ރެކޯޑުތައް ބަލަހައްޓައި، ޑާޓާތައް ރައްކާތެރިކަމާއެކު މެނޭޖުކުރެވޭނެ ނިޒާމެއް ފޯރުކޮށްދެވިގެން ދާނެއެވެ.
މުޖުތަމަޢުގެ ހޭލުންތެރިކަމާއި ތަޢުލީމު: ލޭ އެޕު މެދުވެރިކޮށް އެއްތާކުން ލޭ ހަދިޔާކުރުމާއި، އަދި ލެޔާއި ގުޅޭ ހުރިހާ މަޢުލޫމާތުތަކެއް ލިބިގެންދިއުމަކީ މުޖުތަމަޢުގައި ލޭ ހަދިޔާ ކުރުން އިތުރުކޮށް، އަދި ހޭލުންތެރިކަންވެސް އިތުރުކޮށްދެވިގެންދާނެ ކަމަކަށެވެ. މިކަން ލޭ އެޕުން ކުރުމަށް ރާވާފައިވަނީ، ސިއްޙީ މާހިރުންގެ ލަފާގެ ދަށުންނެވެ.
''އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ލޭ އެޕަކީ އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތުގެ އިންފްރާސްޓްރަކްޗަރއަށް ވަރަށް އަގުހުރި އެސެޓަކަށް ވެގެންދާނެ، އެހީދޭ ފަރާތްތަކަށާއި، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ކޮންމެހެން ބޭނުންވާ އެހީތެރިކަން ލިބިގެންދާނެ.'' ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.
މި އެޕްގެ ސަބަބުން ލޭ ހަދިޔާކުރުމާއި މެނޭޖްކުރުމުގެ ހިދުމަތުގައި އާ މިންގަނޑެއް ކަނޑައަޅައި، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ލޭ މެދުކެނޑުމެއް ނެތި ލިބޭނެ މަގުފަހިވެގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެފަވެއެވެ.
ސިއްހީ ވުޒާރާއިން ބުނީ ލޭ އެޕުގެ ޙިދުމަތްތައް 1 އޯގަސްޓު 2024 ވަނަ ތާރީޚުގައި ފެށިގެންދިއުމާއެކު، ގޫގުލް ޕްލޭ ސްޓޯރ އަދި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑުކުރުމަށް ލިބިގެންދާނެ ކަމަށެވެ. އަދި ލޭ އެޕުގައި ޑޯނަރެއްގެ ގޮތުގައި ރަޖިސްޓަރ ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ރަޖިސްޓަރ ކުރެވޭ ލިންކަކީ: https://register.ley.mv/ މިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!