މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ނަމުގައި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާތީ އެކަމަށް ސަމާލުވުމަށް އެ ވުޒާރާއިން އެދިއްޖެއެވެ.

މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ބުނީ ސަރުކާރުން ދޭ ސްކޮލޮޝިޕަށް ނުވަތަ ލޯނު ހޯދުމަށް އެދިފައިވާ ނުވަތަ ލޯނު ދިނުމަށް ހޮވިފައިވާ ދަރިވަރުންނާ ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުން ދާކަން އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

Ad
rt

މިގޮތަށް މަކަރާއި ހީލަތްހަދާ މީހުން، ގުޅަމުން ދަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ނަމުގައި ކަމަށް އެ އިދާރާއިން ބުންޏެވެ.

''މިހާތަނަށް މި މިނިސްޓްރީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުންދަނީ ވިސާ ހަމަޖެއްސުމާއި ޓިކެޓް ގަތުންފަދަ ކަންކަމާއި، އެހެނިހެން ބައެއް ކަންކަން ކުރުމަށް ފައިސާ ބޭނުންވާކަމަށް ބުނެއެވެ. އަދި ދަރިވަރުންނަށް ފައިސާ ދޫކުރުން އަވަސް ކޮށްދެވޭނީ ފައިސާ ދިނުމުންކަމަށް ބުނެއެވެ.'' މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.

މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ވަނީ ސަރުކާރުން ދޭ ސްކޮލޮޝިޕަކަަށް ވިޔަސް ނުވަތަ ލޯނަކަށް ވިޔަސް ދަރިވަރަކު ހޮވުމަކަށް، އަދި ހޮވިފައިވާ ދަރިވަރެއްގެ އެއްވެސްކަމަކަށް އެ ވުޒާރާއަށް އެއްވެސް ދަރިވަރަކު، އެއްވެސް ކަމަކަށް، ފައިސާއެއް ދައްކާކަށް ނުޖެހޭނެކަން ހަނދާންކޮށްދީފައެވެ. އަދި ކަމެއް އަވަސް ކުރުމަކަށްވެސް އެއްވެސް ފައިސާއެއް ދިނުމަށް ނުޖެހޭނެކަން ވެސް ވަނީ ހަނދާންކޮށްދީފައެވެ.