ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ''ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024'' ފުޓްސަލް މުބާރާތުގެ ސެމީގައި ފިއުރިޔަސްއާއި ބްލެކް ކޯނާ ވާދަކުރަން ޖެހުނުއިރު، ލެއިޓް ވުލްފާއި ދަ ބެންޗް ބައްދަލު ކުރަން ޖެހިއްޖެއެވެ.
މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެއްވަނަ ހޯދާ ޓީމާއި ހަތަރުވަނަ ހޯދާ ޓީމެވެ. ދެވަނަ ސެމީގައި ވާދަކުރާނީ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. ސެމީ މެޗުތައް ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހު އަށްވަނަ ދުވަހުއެވެ.
އިއްޔެ ގްރޫޕް ސްޓޭޖް މެޗުތައް ކުޅެ ނިމިފައިވާއިރު، ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް 13 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނަ ހޯދީ ފިއުރިޔަސްއެވެ. އެ ޓީމް ސެމީގައި ވާދަކުރާނީ 8 ޕޮއިންޓާއިއެކު ތާވަލުގެ ހަތަރު ވަނަ ހޯދި ބްލެކް ކޯނާއާއެވެ.
ބްލެކް ކޯނާއާއި ލެއިޓް ވުލްފް މެޗުގެ މޮޅުކުޅުންތެރިޔާ މާއިލް
ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އެއް މެޗު އެއްވަރުވެ އެއް މެޗުން ބަލިވެ، ލިބުނު 10 ޕޮއިންޓާއިއެކު ތާވަލުގެ ދެވަނަ ހޯދު ލެއިޓް ވުލްފް ސެމީގައި ބައްދަލުކުރާނީ 9 ޕޮއިންޓާއިއެކު ތިންވަނަ ހޯދި ދަ ބެންޗާއެވެ.
މުބާރާތުގެ އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ބްލެކް ކޯނާއާއި ލެއިޓް ވުލްފެވެ. މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބްލެކް ކޯނާގެ ޖޯޒީ ނަމްބަރު 66، މާއިލްއެވެ.
ދެވަނަ މެޗުގައި ފިއުރިޔަސް އިން ވަނީ 7-2 ގެ ނަތީޖާއިން ޑާކް ހޯސް ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފިއުރިޔަސްގެ ޖޯޒީ ނަމްބަރު 23، ސައިފް އެވެ.
ފިއުރިޔަސް އާއި ޑާކް ހޯސް މެޗުގެ މޮޅުކުޅުންތެރިޔާ ސައިފް
ތިންވަނަ މެޗުގައި ބައްދަލުކުރީ ދަ ބެންޗާއި ބީސީ ލަޔަންސްއެވެ. މި މެޗު 14-1 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ދަ ބެންޗުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ދަ ބެންޗްގެ ޖޯޒީ ނަމްބަރު 9، ނާއިލްއެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހު 10 ވަނަ ދުވަހުގެ ހަވީރުއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފަނަރަހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!