ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުގެ ބަންގްލަދޭޝް މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، އެ ރިސޯޓުނަ ގެއްލިގެން ހޯދަމުން ދަނީ އުމުރުން 32 އަހަރުގެ މީހެއް ކަމަށެވެ.
އެމީހާ ގެއްލިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 15:54 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ހާބަރ ކްރާފްޓްގައި އެ ސަރަހައްދަށް ގޮސް، އެ މީހާ ހޯދުމުގެ މަސައްކަތް ފަށާފަައި ވަނީ މިއަދު ހަވީރު 16:50 ހާއިރު އެވެ.
‘’އެންމެ ފަހުން ކަޅުކުލައިގެ ޓީޝާޓެއް ލައިގެން ހުރި އެ މީހާ ގެއްލުނު ވަގުތު އެ ރިސޯޓުގެ ފަޅުގައި އަޅާފައޮތް ކަޔަކެއް ވެސް ނެތުމުން، އެ ކަޔަކުގައި އެމީހާ މޫދަށް ފޭބި ކަމަށް އެ ރިސޯޓުން ލަފާކުރޭ’’ އެމްއެންޑީއެފުން ބުނެފައެވެ.
މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވެސް ވަނީ މިއަދު 15:30 ހާއިރު މި ހާދިސާގެ ރިޕޯޓު ލިބިފައިވާ ކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!