ހަނިމާދޫގައި ލޯކަލް ޓްއަރިޒަމް އިތުރަށް ފުޅާކުރުމުގެ ގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހަނިމާދޫއިން ދޫކުރަން ނިންމާފައި ވަނީ 5000 (ފަސްހާސް) އަކަފޫޓުގެ 14 ބިމެކެވެ. މި ބިންތައް ދޫކުރަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ.
މި ބިންތަކުގެ ތެރެއިން އަށް ބިމެއް ދޫކުރަން ނިންމާފައި ވަނީ އެ ރަށުގެ އުތުރުކޮޅުގައި މިހާރު ހިންގަމުން އަންނަ ސިޓީ ހޮޓަލުގެ އުތުރުން ހުސްކޮށް އޮތް ސަރަހައްދުންނެވެ. ރަށުގެ ދެކުނު ފަރާތުން ދޫކުރުމަށް ހަމަޖެހިފައިވާ ހަ ބިން ދޫކުރަން ނިންމާފައި ވަނީ ހަނިހޭޅި ބާބެކިއު އޭރިއާގެ އުތުރުން ހުސްކޮށް އޮތް ސަރަހައްދުންނެވެ. މިއީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހާއްސަކޮށްފައިވާ ބިންތަކެވެ.
މި ބިންތަކަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީ ވާންޖެހއެވެ. ރަޖިސްޓަރީ ފީއެއްގެ ގޮތުގައި 1000 (އެއްހާސް) ރުފިޔާ ދައްކަން ޖެހެއެވެ. ބިޑްގައި ރަޖިސްޓަރީވާ ފަރާތްތަކަށް ކައުންސިލުން ބިޑްފޮތް ފޯރުކޮށްދޭނެއެވެ.
ބީލަން ހުށަހެޅުމަށާއި ބީލަންތައް ހުޅުވުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މި މަހު 30 ވަނަ ދުވަހު 13:00 ގައި ހަނިމާދޫ ކައުންސިލް ޖަލްސާކުރާ މާލަމުގައި ނުވަތަ އެ ކައުންސިލުން ކަނޑައަޅާ ތަނެއްގައެވެ.
ހަނިމާދޫ ކައުންސިލުން ވަނީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭ ވެސް އެ ރަށުން ފަތުރުވެރިކަމަށް ބިން ދޫކުރަން އިއުލާން ކޮށްފައެވެ. އެފަހަރު ކައުންސިލުން ހުޅުވާލާފައި ވަނީ 10000 (ދިހަހާސް އަކަފޫޓް) ގެ 4 ބިން 40 އަހަރުގެ މުއްދަތަށް އަދި 5000 (ފަސްހާސް އަކަފޫޓް) ގެ 8 ބިން 30 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށެވެ. އެ ބިންތަކަށް އާދަޔާހިލާފް ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް ކައުންސިލުން ވަނީ ފަހުން އެ ބިޑް ކެންސަލް ކޮށްފައެވެ.
ހަނިމާދޫ އިންޓަނޭނަލް އެއާޕޯޓް ބޮޑު ކުރުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިގެން ބާރަށް ކުރިއަށް ދާއިރު، އެއާޕޯޓް ނިމި ސީދާ ބޭރުގެ ގައުމުތަކަށް ހަނިމާދޫއިން ދަތުރުކުރެވެން ފެށުމުން އެ ރަށުގެ ޓޫރިޒަމް ވިޔަފާރިއަށް ފަސޭހަ ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. މަޝްރޫޢުއާއި ގުޅިގެން ހަނިމާދޫގެ ބިމުގެ ޑިމާންޑް މިހާރު ވެސް ވަނީ މައްޗަށް ދާން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!