އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެލަންއާއި ލޫޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލިއިރު، ފޮޑެންގެ ހެޓްރިކުން އެސްޓަންވިލާ އަތުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. އާސެނަލްގެ ފުރަތަމަ ލަނޑު 24 ވަނަ މިނެޓުގައި ހަވާޓްޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ކެޕްޓަން އޮޑެގާޑެވެ. އާސެނަލްގެ ދެވަނަ ލަނޑަކީ 44 ވަނަ މިނެޓުގައި ލޫޓަންގެ ޑައިކީގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

Ad
rt

ސިޓީން އެސްޓަންވިލާގެ މައްޗަށް ކުރި ހޯދީ 4-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ޖަހައިދިނީ ރޮޑްރީއެވެ. އެސްޓަންވިލާގެ ހަމައެކަނި ލަނޑު 20 ވަނަ މިނެޓުގައި ޖަހައިދިނީ ޑުރަންއެވެ.

ސިޓީއަށް ދެވަނަ ފަހަރަށް ލީޑު ލިބުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ފޮޑެން ޖަހައިދިން ލަނޑުންނެވެ. ފޮޑެން ވަނީ ފަހު ހާފުގައި އިތުރު ދެ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ސިޓީގެ ތިންވަނަ ލަނޑު 46 ވަނަ މިނެޓުގައި ފޮޑެން ޖެހިއިރު، ހަތަރުވަނަ ލަނޑު އޭނާ ޖެހީ 62 ވަނަ މިނެޓުގައެވެ.

މި ނަތީޖާތަކާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ އާސެނަލެވެ. އެ ޓީމަށް 30 މެޗުން ވަނީ 68 ޕޮއިންޓް ލިބިފައެވެ. ސިޓީ މިވަގުތު އޮތީ ތިންވަނާގައެވެ. އެ ޓީމަށް 30 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ. ދެވަނާގައި އޮތް ލިވަޕޫލަށް 29 މެޗުން ލިބިފައި ވަނީ 67 ޕޮއިންޓެވެ. ލިވަޕޫލް މިރޭ ނުކުންނާނީ ޝެފީލްޑާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ.