ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ސިޔާސަތުތަކާއި ގާނޫނުތައް ބަދަލުކޮށް، އިސްލާހު ކުރަން ޖެހޭ ނަމަ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަސައްކަތް ކުރަމުން ގެންދާނެ ކަމުގައި ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހޯމް މިނިސްޓްރީން އެގޮތަށް ބުނީ މާލޭގައި ގްރޫޕަކުން ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ހަމަލާދީ މުހައްމަދު އަނަސް މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އެއްވެސް މީހެއްގެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

Ad
rt

ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތައް ހުއްޓުވައި ރާއްޖޭގެ ރަށްތަކަކީ އަމާން ތަންތަނަށް ހެދުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށެވެ. އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމާ މެދު ސަރުކާރުން ކަންބޮޑުވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އަނަސްއަށް ހަމަލާދީފައި ވަނީ އާންމުންގެ ތެރޭގައި، އެހާ ހާމަކަން ބޮޑު ގޮތެއްގައި މީހެއްގެ ފުރާނައަށް ގެއްލުން ދިނުމުން ވެސް އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަށް އަދަބު ނުލިބި ދިއުމަކީ ތަންފީޒީ އިދާރާތަކާއި އަދުލު އިންސާދު ގާއިމްކުރުމުގެ ޒިންމާ ހަވާލުވެފައިވާ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު ކުޑަވާނެ ކަމެއް ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. ހަމައެއާއެކު، އެކަމުގެ ސަބަބުން ގާނޫނުގެ ބާރު ނެގެހެއްޓެމުށް ހުރަސްއެޅި، ކުށްކުރާ މީހުންނަށް ކުށް ކުރުމަށް ފަހު ގާނޫނީ އަދަބުން ބަރީއަވެވޭނެ ކަމުގެ ޔަގީންކަން ލިބޭނެ ކަމަށް ބުނެފައިވެއެވެ.

އެހެންވެ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި ގާނޫނުގެ ބާރު ނެގެހެއްޓުމަށް ޖިނާއީ އަދުލުގެ ނިޒާމްގެ ތެރޭގައި ހިމެނޭ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ފަށާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކޮށް، ކުށްކުރާ މީހުންނަށް ހައްގު އަދަބުދީ، އިންސާފު ގާއިމުކުރުމަށް ކުރަން ޖެހޭ ކަންކަން ސަރުކާރުން އަންނަނީ ދައުލަތުގެ ކަމާގުޅުންހުރި އެހެނިގެން މުއައްސަސާތަކާ ގުޅިގެން ކުރަމުން ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. އަދި ކްރިމިނަލް ކޯޓުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބުމުން، އެ މައްސަލައިގައި އިތުރަށް އަޅާނެ ފިޔަވަޅުތައް ނިންމާނެ ކަމުގެ ޔަގީންކަން ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ދެއްވާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރިއެވެ.