ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުލުހުންނަށް އިންޒާރު ދިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހިޔާ ޓަވަރު 11 ކައިރިން އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް، ހުއްޓުވައި، އޭގައި އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރުމުން ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅާފައިވާ ކަމަށެވެ.

Ad
rt

އަދި އެ ސަރަހައްދުގައި އާންމު މަސްލަހަތު ގެއްލޭގޮތަށް، އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންނާއި ފުލުހުންގެ އާއިލާއަށް ނިސްބަތްކޮށް އެމީހާ އިންޒާރު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެއީ 21 އަހަރުގެ ދެމީހުންނާއި 24 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންގެ ތެރެއިން، 26 އަހަރުގެ މީހަކު ހައްޔަރު ކުރީ ލ. ގަމުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާ ކަފާލާތުގެ ދަށުން އެހެން މީހަކު ޖާމިނުކުރުމުން، 30 ދުވަހު މުއްދަތަކަށް ގެއިން އެއްގޮތަކަށް ވެސް ނުނިކުންނަ ގޮތަކަށް ޝަރުތުކޮށް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައިގައި 21 އަހަރުގެ ދެމީހުންނާއި 24 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މި ތިން މީހުންގެ ބަންދާމެެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 21 އަހަރުގެ މީހާ ދެދުވަހަށް، އަދި 21 އަހަރުގެ އަނެއް މީހާއާއި 24 އަހަރުގެ މީހާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.