ހދ. ކުޅުދުއްފުށީ ސިޓީގައި މިއަހަރު ތެރޭގައި އިތުރު 2000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފައްޓަވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އުތުރުގެ ހަތަރު އަތޮޅަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެ ސިޓީގެ ތަރައްޤީއަށް ވަރަށް އިސްކަމެއް ދެއްވާނެ ކަމަށެވެ.
މިގޮތުން ކެމްޕެއިންގައި އެ ސިޓީގައި 2000 ހައުސިން ޔުނިޓް އެޅުމަށް ވަޢުދުވެވަޑައިގެންކަން ފާހަގަކުރައްވައި، އެކަން ބަޖެޓުގައި ހިމެނިފައި ވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އެ ސިޓީގައި ހިނގަމުންދާ ހައުސިން މަޝްރޫޢަކާއި، ސޮއިކުރެވިފައި އަދި ނުފެށި އޮތް ހައުސިން މަޝްރޫޢެއް އޮތްކަން ވެސް ފާހަގަކުރެއްވިއެވެ.
''މި ދެ މަޝްރޫޢު ނުލައި، 2000 ހައުސިންގ ޔުނިޓުގެ ވާހަކަ އަޅުގަނޑު ދެންނެވީ. ދެންމެ މޭޔަރު އެ ފާހަގަކުރެއްވީ އެ ދެ މަޝްރޫޢު. އެހެންވީމާ، އެ ދެ މަޝްރޫޢުގެ ކަންތަކާ އެކީގައި އަދި އިތުރު 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް، މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔުން އަޅުގަނޑުމެންގެ ވިސްނުމަކީ.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މަސައްކަތް ބަރާބަރަށް ދާކަމަށް ވާނަމަ 3400 ހައުސިންގ ޔުނިޓް އެ ސިޓީގައި އެޅިގެންދާނެ ކަމަށެވެ. އަދި އެ ހައުސިން ޔުނިޓް ތަކާއެކު އެ ސިޓީގެ ބޯހިޔާވަހިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށާއި، ނަމަވެސް އެއީ ވެސް އެ ސިޓީ އަށް އެކަށީގެންވާ ޢަދަދެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ފެށުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!