ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެ ސިޓީގައި ދިރިއުޅޭ އަންހެން ބޭފުޅުންނަށް ހާއްސަ ކޮށްގެން "ކަނބަލުންގެ މަސް ރޭސް 2024" ގެ ނަމުގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަސްރޭސް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ސިޓީގެ ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކޮށް އެއްބައިވަންތަކަން އުފެއްދުމެވެ.

Ad
rt

އަންނަ މާޗް މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ތާވަލު ކޮށްފައިވާ މި މަސްރޭހުން ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ، ބައިވެރިވުމަށް އެދި އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 20 ޓީމަށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކުން އެކަމަށް ހާއްސަކޮށްފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 21 ވަނަ ދުވަހުގެ 12:00 ގެ ކުރިން މެއިލް ކުރެއްވުމަށް އެ ކޮމެޓީން އެދެއެވެ.

މެއިލް އެޑްރެސް: sportsandcivic@kulhudhuffushicity.gov.mv

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 (ފަނަރަހާސް) ރުފިޔާގެ ފައސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. ދެވަނަ ޓީމަށް 10000 (ދިހަހާސް) ރުފިޔާ އަދި ތިންވަނަ ޓީމަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ހޮވާ މަގާމްތަކުގެ ތެރޭގައި އެންމެ ގިނަ މަސްބޭނި ފަރާތް، އެންމެ ބަރު މަސް ބޭނިފަރާތް، އެއްވަނަ އަންހެން ކެޔޮޅުގެ އިތުރުން އެންމެ ގިނަ މަސްބޭނި އެންމެ ޒުވާން މަސްވެރިޔާ ހިމެނެއެވެ. މި މަގާމްތަކަށް ވެސް ވަނީ ފައިސާގެ އިނާމް ކަނޑައަޅާފައެވެ.