އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާއި ސަލެނިޓާނާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް އިންޓައިން އެއްވަނާގައި ލީޑު ފުޅާކޮށްފިއެވެ. އިންޓަގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.
އިންޓައިން އަންނަނީ މި ސީޒަންގައި ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ މޮޅު ކުޅުން ރޭ މެޗުގައި ވެސް އެ ޓީމުން ތަކުރާރު ކުރިއިރު ފުރަތަމަ ހާފު އެ ޓީމުން ނިންމާލީ ތިން ލަނޑުގެ ލީޑެއްގައި އޮވެއެވެ.
އެ ޓީމްގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ކާލޮސް އަގުސްޓޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ މާކަސް ތުރަމްއެވެ. އޭގެ ދެ މިނެޓް ފަހުން ލައުޓާރޯ މާޓިނޭޒް ވަނީ އިންޓައަށް ދެވަނަ ލަނޑު ޖަހައިދީފައެވެ. މި ލަނޑު ޖަހަން ވެސް ފުރުސަތު ފަހިކޮށްދިނީ ކާލޮސް އަގުސްޓޯއެވެ. އިންޓަގެ ތިންވަނަ ލަނޑު 40 ވަނަ މިނެޓުގައި ޖަހައިދިނީ ޑަމްފްރީސްއެވެ. އިންޓަގެ ހަތަރުވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި ޖަހައިދިނީ އާނައުޓޮވިޗެވެ.
ޕޮއިންޓް ތާވަލުގެ އެއްވަނާގައި އިންޓަ އޮތީ 24 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި ޔުވެންޓަސް އޮތީ 24 މެޗުން ލިބުނު 53 ޕޮއިންޓާއި އެކުގައެވެ. އިންޓަ އަތުން ބަލިވި ސަލެނިޓާނާ އޮތީ ތާވަލުގެ ފުލުގައެވެ. އެ ޓީމަށް 25 މެޗުން ހޯދިފައި ވަނީ 13 ޕޮއިންޓެވެ.
އިޓާލިއަން ލީގުގައި މިރޭ ގިނަ މެޗުތަކެއް ކުޅޭނެއެވެ. ނަޕޯލީ އަމިއްލަ ދަނޑުގައި ނުކުންނާނީ ޖެނޯއާއި ދެކޮޅަށެވެ. ޔުވެންޓަސް ރަށުން ބޭރުގައި ނުކުންނާނީ ވެރޯނާއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!