މާލޭ ސިޓީގެ މޭޔަރުގެ މަގާމަށާއި، ތިން ކައުންސިލަރުންގެ މަގާމަށް މީހުން ހޮވުމަށް މިއަަދު ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

މާލޭގެ މޭޔަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާައިރާ، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ އަދި މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވަން ބާއްވާ މި ބައި-އިލެކްޝަންގެ ވޯޓުލުން ފެށީ ހެނދުނު 8:00 ގައެވެ.

Ad
rt

ކުރިން 16:00 އާއި ހަމައަށް ވޯޓުލާ ނިންމަން އޮތް ނަމަވެސް އިއްޔެ މާލެއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ވޯޓުފޮށި ބަންދުކުރާ ވަގުތު 17:00 އަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ވަނީ އިތުރުކޮށްފައެވެ.

މި އިންތިޚާބުގައި މާލޭގެ މޭޔަރުގެ މަގާމަށާއި، ތިން ކައުންސިލަރުންގެ މަގާމަށް ވެރިކަންކުރާ ޕީއެންސީއިންނާއި، އިދިކޮޅު އެމްޑީޕީގެ އިތުރުން ދަ ޑިމޮކްރެޓްސް އިން ކެންޑިޑޭޓުން ވާދަކުރެއެވެ.

މީގެ އިތުރުން ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމްގެ ތާއީދާއެކު އެމަނިކުފާނު އުފެއްދެވުމަށް މަސައްކަތްކުރައްވާ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުން ތެރެއިން ވެސް ވަނީ މި މަގާމުތަކަށް ކެންޑިޑޭޓުން ނެރެފައެވެ.

މާލޭ މޭޔަރުކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. އެމްޑީޕީގެ ފަރާތުން އެމްޓީސީސީ، އެސްޓީއޯ އަދި އެމްޑަބްލިޔުއެސްސީގެ ކުރީގެ އެމްޑީކަމާއި ސީއީއޯކަން ކުރައްވާފައިވާ އާދަމް އާޒިމް ކުރިމަތިލައްވާއިރު، ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވަނީ މިހާރުވެސް މާލެ ސިޓީގެ ގޮނޑިއެއް ފުރައްވަމުން ގެންދަވާ ސައިފް ފާތިހް އެވެ. ރައީސް ޔާމީންގެ ތާއީދާ އެކު ވާދަކުރައްވަނީ ކުރީގެ ސީޕީ ހުސައިން ވަޙީދެވެ.