ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ށ. އަތޮޅު ނަރުދޫގައި ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮޖެކްޓްގެ ދަށުން އެ ރަށުގައި ގްރީން ހައުސްގައި ގަސް އިންދައި ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި ބައިވެރިން ހެއްދި ގަސްތަކުން ނަފާ ހޯދަން ފަށައިފިއެވެ.

ޖުމްލަ 16 ބައިވެރިންނާއިއެކު މި ޕްރޮގްރާމް އެ ރަށުގައި ފަށާފައި ވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމްގައި ގްރީންހައުސް ތައްޔާރުކުރާނެ ގޮތާއި މުޑުވަށް ކުރާނެ ގޮތުގެ އިތުރުން، މިކަމާއިގުޅޭ ތިއަރީ ކްލާސްތަކާއި ޕްރެކްޓިކަލް ކްލާސްތައް ކުރިއަށް ގެންދެއެވެ.

Ad
rt

ނަރުދޫ ކައުންސިލުން ބުނީ އެ ރަށުގައި ކުރިއަށް ގެންދާ ގްރީންހައުސްގައި ގަސްއިންދާނެގޮތުގެ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން، ތަމްރީން ފުރިހަމަކުރާ ބައިވެރިން ގްރީންހައުސްގައި ހައްދާ ގަސްތަކުގައި މިހާރު މޭވާ އަޅަން ފަށާފައިވާ ކަމަށާއި، މިގޮތުން އެތަނުގައި ހައްދާފައިވާ ކިޔުކަންބާ ދަނީ މިހާރު ބޭނުންވާ ފަރާތްތަކަށް ވިއްކަމުން ކަމަށެވެ. އަދި ގްރީންހައުސްގައި ހައްދަމުންދާ މެލަންގެ ބާވަތްތައް ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި މާކެޓަށް ނެރެވޭވަރު ވާނެކަމަށް ނަރުދޫ ކައުންސިލުން ބުނެއެވެ.

ނަރުދޫގައި ކުރިއަށް ގެންދާ ގްރީންހައުސްގައި ގަސް ހައްދަން ދަސްކޮށްދޭ ޕްރޮގްރާމުގެ ދަށުން ގްރީން ހައުސްއެއްގައި ގަސް އިންދާފައި، ފޮޓޯ: ނަރުދޫ ކައުންސިލް

މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ނަރުދޫ ކައުންސިލުގެ ރައީސް މުހައްމަދު މުސްތަރުޝިދު ބުނީ ގްރީން ހައުސްގައި ގަސް އިންދައި ހެއްދުމުގެ މަސައްކަތަކީ އެ ރަށަށް މީގެ ކުރިން ކޮންމެވެސް ވަރަކަށް އައު މަސައްކަތެއް ކަމަށާއި، މި ޕްރޮގްރާމްގެ ސަބަބުން ދަނޑުވެރިންގެ މެދުގައި ގްރީން ހައުސްގައި ގަސް އިންދައި ހެއްދުމުގެ ޝައުގު ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ މި އަހަރުގެ ފުރަތަމަ ކްއާޓާގައި އެ ރަށު ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ދާއިމީ ބިން ދޫކުރެވޭވަރު ވާނެ ކަމަށާއި، އެ ބިންތައް ދޫކުރެވުމުން ގްރީން ހައުސްގައި ގަސް އިންދައި ހެއްދުމުގެ މަސައްކަތް އެ ރަށުގައި އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

މިނިސްޓްރީގެ ފަރާތުން ގްރީންހައުސްގައި ގަސްއިންދައި ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ މި ޕްރޮގްރާމަކީ ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގެ 26 ރަށެއްގައި ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ދަނޑުވެރި ރަށްތައް ބަލައިގެނެވެ.