ރައްޔިތުންގެ މަޖިލީހުގެ ނިޒާމު ނުގެއްލި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތައް ކަންކަން އިންތިޒާމުކުމަށް ބައެއް ފިޔަވަޅުތައް އަޅަން ނިންމަވާފައިވާ ކަމަށް މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން، އެޖެންޑާގައި ހިމެނޭ ރިޔާސަތުން އަންގާ އެންގެވުމުގެ ނަންބަރަށް ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އަސްލަމް ވިދާޅުވީ، މަޖިލީހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ވަރަށް މުހިން މަސައްކަތްތަކެއް މަތިކުރެވިފައިވާ ތަނެއް ކަމަށެވެ. އަދި މަޖިލީހަކީ ސިޔާސީ އެކި ޕާޓީތައް ތަމްސީލްކުރާ މަޖިލީހެއް ކަމަށާއި، އެހެންނަމަވެސް މުޅި މަޖިލީހަކީ ކޮންމެ ދުވަހަކު ސިޔާސީ ކަންތައްތައް ކުރާ ތަނެއްގޮތުގައި ބައެއް މެންބަރުން ދެކެވަޑައިގެންވިޔަސް އެއީ އެކަން އޮތް ގޮތްނޫންކަމަށް ވިދާޅުވިއެވެ.

''ޤާނޫނު ހެދުމުގައާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭއިރު މަޖިލީހުގެ ހައިބަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސެކޭ އެއްފަދައިން މަޖިލީހުގެ މެންބަރުންގެ ވެސް މަސްއޫލިއްޔަތެއްކަމުގައި ދެކެން، އެހެންކަމުން މަޖިލީހުގެ ނިޒާމު ނުގެއްލި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތައް ކަންކަން އިންތިޒާމުކުރަން ފެންނާތީ އެގޮތުން ބައެއް ފިޔަވަޅުތައް އަޅަން ގަސްދުކުރާވާހަކަ ދަންނަވަން،'' އަސްލަމް ވިދާޅުވިއެވެ.

މިގޮތުން އެއް ފިޔަވަޅަކީ މީގެ ކުރީގެ މަޖިލިސްތަކުގައި ވެސް މަސައްކަތްކުރެވިފައިވާ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ މަޖިލީހުގެ މެންބަރުން ޢަމަލުކުރަންޖެހޭ ސުލޫކީ ކަންކަމުގެ ޤަވާޢިދެއް އެކުލަވާލުން ކަމަށް އަސްލަމް ވިދާޅުވިއެވެ. އެ ގަވާއިދުގެ މަސައްކަތް މިހާރު އޮތް 19 ވަނަ މަޖިލީހުގައި އަދި ކުރެވިފައި ނެތް ކަމަށާއި، ނަމަވެސް މެންބަރުންގެ އެއްބާރުލުމާއެކު އެ ގަވާއިދުގެ މަސައްކަތްކޮށް އެ ގަވާއިދު ފާސްކުރަން މަސައްކަތް ކުރައްވާނެ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ދެ ވަނަ ކަމެއް ގޮތުގައި އަސްލަމް ފާހަގަކުރެއްވީ، މަޖިލީހަށް ހާޒިރުކުރެވޭ ވަޒީރުންނާއި އެހެނިހެން ފަރާތްތްތަކަށް ސަލާމަތްތެރިކަން ފޯރުކޮށްދިނުމަކީ މަޖިލީހުގެ ޒިންމާއެއްކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ދިނުމަށް އެ ފަރާތްތަށް ހާޒިރުކުރުމުގައި ޝާމިލްވާ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް އަމުރުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަސްލަމް ވަނީ މަޖިލީހުގެ ނިޒާމު ނުގެއްލި މަސައްކަތްތައް ކުރުމަށް މެންބަރުންގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ. އަދި މެންބަރުންގެ ކަންބޮޑުވުންތައް ލިޔުމުން ފޮނުއްވައި ދެއްވުމަށް ވެސް އެދިވަޑައިގަތެވެ.

މަޖިލީހުގެ ނިޒާމު ގެއްލުވާލަން ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.