ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023"ގެ ފިރިހެން ބައިގެ ފައިނަލުގައި ޒީރު ސްޕޯޓްސް ކުލަބާއި ލަޔަން ބައްދަލުކުރި މެޗު ހަމަނުޖެހުންހިނގައި ހުއްޓާލާފައިވަނިކޮށް، ލިބުނު އިންޒާރަކާ ގުޅިގެން މިއަދު އަލުން ކުޅެން ނިންމި މެޗު ކެންސަލްކޮށް މުބާރާތް ނިންމާލައިފިއެވެ.

މި މުބާރާތުގެ ފިރިހެން ބައިގައި ޒީރު ސްޕޯޓްސް ކުލަބާއި ލަޔަން ބައްދަލުކުރި ފައިނަލު މެޗުގެ ކުޅުން އޮތީ މި މަހުގެ 23 ވަނަ ދުވަހުގެ ރެޔެވެ. މި މެޗުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވާން ދަނިކޮށް ފަހު ފަސްް މިނިޓްގެ ތެރޭގައި ލަޔަން އިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ހޯދާފައެވެ. ނަމަވެސް އެ ލަނޑަށްފަހު ކުޑަ ހިނދުކޮޅެއްތެރޭ ޒީރުން ވެސް ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.

Ad
rt

އެ މެޗުގައި ހަމަނުޖެހުން ހިނގީ ޒީރުގެ ލަނޑުޖެހި ކުޅުންތެރިޔާ ލަނޑުޖެހުމުގެ ކުރިން އޭނާގެ އަތުގައި ބޯޅަ ޖެހުނުކަމަށް ލަޔަންގެ ކުޅުންތެރިން ބުނަމުންދަނިކޮށް ރެފްރީ އެއީ ލަނޑެއްކަމަށް ނިންމި ހިސާބުންނެވެ. އެ ހިސާބުން ބައެއް އޮފިޝަލުން ވެސް ދަނޑަށް އެރުމުން މެޗު ޖެހުނީ ކުރިއަށް ނުގެންދެވި ހުއްޓާލާށެވެ.

މި މެޗު އަލުން ކުޅެން ނިންމައި އެ މެޗު ތާވަލުކޮށްފައި އޮތީ މިއަދު ހަވީރަށެވެ. ނަމަވެސް ކުމުންދޫ ކައުންސިލަށް ލިބުނު އިންޒާރަކާއި ގުޅިގެން އެ މެޗުކެންސަލްކޮށް މުބާރާތް ވެސް ވަނީ ނިންމާލާފައެވެ.

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ޒީރުއާއި ލަޔަން

މިކަމާއިގުޅިގެން ކުމުންދޫ ކައުންސިލުން ވިދާޅުވީ، ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023 ފައިނަލް މެޗް ނިންމުމަށް މިއަދައް ތާވަލު ކޮށް ޓީމު ތަކަށް އަންގާފައިވީނަމަވެސް އިތުރަށް މިއަހަރުގެ މުބާރާތް ކުރިޔައް ގެންދިޔުމަށް މަސައްކަތް ކޮށްފިނަމަ ކުމުންދޫ ކައުންސިލު އިދާރާ އަށާއި މުވަޒަފުންނަށް ގެންލުން ތަކެއްލިބި މާރާމާރީ ހިންގާނެކަމުގެ އިންޒާރު މިއަދު ވަނީ ކުމުންދޫ ކައުންސިލް އިދާރާއަށް ބަޔަކު އައިސް ދީފައެވެ.

''އެހެންކަމުން އިތުރަށް ރަށުގެ މަސްލަހަތު ގެއްލުވާލަން ފުރުސަތުދޭކަށް މިކައުންސިލުން ބޭނުން ނުވާތީ ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023 އިތުރައް ކުރިޔައް ނުގެންދާނެއެވެ. މިކަމަށްޓާކައި ރަށުގެ ކުޅިވަރަށް ލޯބިކުރައްވާ އެންމެހާ ފަރާތްތަކުގެ ކިބައިން ނިހާޔަތައް މާފައް އެދެމެވެ.'' ކުމުންދޫ ކައުންސިލުން ވިދާޅުވެފަވެއެވެ.

ކުމުންދޫ ކައުންސިލް ފުޓްސަލްގެ އަންހެން ޗެމްޕިއަންކަން ސީއެސް ވިމެންސް އަށް

މި މުބާރާތުގެ ފިރިހެންބައިގެ ފައިނަލު ފުރިހަމަ ނުކުޅެވި މުބާރާތް ނިންމާލަންޖެހުނުއިރު، މި މުބާރާތުގެ އަންހެން ބައިގެ ފައިނަލް ވަނީ މިމަހުގެ 23 ވަނަ ދުވަހު ކުޅެފައެވެ. މި މެޗުގައި ބައްދަލުކުރީ ސީއެސް ވިމެންސްއާއި ބީޗް ސިޓީ ވިމެންސް އެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސީއެސް ވިމެންސްއެވެ.

އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނޭހެން ދެ ޑިވިޝަނަކަށް ބާއްވާ މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ވަނީ ހަތް ޓީމް ބައިވެރިވިއިރު، އެ ޓީމްތަކަކީ އައްޓޯ އެފްސީ، ބީޗް ސިޓީ ސްޕޯޓްސް ކުލަބް، ޒީރު ސްޕޯޓްސް ކުލަބް، ޔުނިޓީ ފުޓްބޯލް ކުލަބް، ލެންޓާން ފުޓްބޯލް ކުލަބް، ފުޓްބޯލް ކުލަބް ޖުވެނިސް އަދި ލަޔަން އެވެ. އަދި އަންހެން ޑިވިޝަންގައި ވަނީ ތިން ޓީމް ބައިވިއެވެ. އެ ޓީމްތަކަކީ ސީއެސް ވިމެންސް، ސަންދިޔާ އަދި ބީޗް ސިޓީ ވިމެންސްއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުމުންދޫ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަހްލާގު އަށަގަންނަވައި ކުޅިވަރުގެ ރޫހު ދިރުވައި އެ ރަށުގައި މޮޅެތި ކުޅުންތެރިން އުފައްދައި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމަށް އިތުރު ފުރުސަތު ހޯދައިދިނުމެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އޮންލައިން ނިއުސްއެވެ.