ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023" ފައިނަލުން ޒީރު ސްޕޯޓްސް ކުލަބާއި ލަޔަން ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އިއްޔެ ކުޅެފައިވާއިރު ފުރަތަމަ ސެމީގައި އިއްޔެ ހަވީރު ބައްދަލުކުރީ ލަޔަންއާއި އައްޓޯ އެފްސީއެވެ. މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-1 އިން ކުރި ހޯދައި ލަޔަން ވަނީ ފައިނަލުން ޖާގަ ކަށަވަރު ކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ލަޔަންގެ ގޯލް ކީޕަރ (13) މުހައްމަދު އަލީއެވެ.
ދެވަނަ ސެމީގައި ރޭ ބައްދަލުކުރީ ޒީރުއާއި އެފްސީ ޖުވެނިސްއެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދީ ޒީރުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޒީރުގެ ޖޯޒީ ނަމްބަރ 11، ޝަފީއު ހަސަންއެވެ.
މި މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރުއެވެ. ފައިނަލް މެޗުގައި ބައްދަލުކުރާނީ ސީއެސް ވިމެންސްއާއި ބީޗް ސިޓީ ވިމެންސް އެވެ.
ޒީރުއާއި ލަޔަން ބައްދަލުކުރާ ފިރިހެން ކެޓަގަރީގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރެއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުމުންދޫ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަހްލާގު އަށަގަންނަވައި ކުޅިވަރުގެ ރޫހު ދިރުވައި އެ ރަށުގައި މޮޅެތި ކުޅުންތެރިން އުފައްދައި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމަށް އިތުރު ފުރުސަތު ހޯދައިދިނުމެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އޮންލައިން ނިއުސްއެވެ. މި މުބާރާތުގެ ހަބަރުތައް ތިލަދުން އިން ގެނެސްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!