މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތުވާ މީހަކު ދޫކޮށްލުމުގައި ދައުލަތުގެ އިހުމާލުތައް ފޮރުވަން "މަލަން އަޅަން" ހައި ކޯޓަށް އަންނަނީ ކަމަށް ބުނެ ހައި ކޯޓުގެ ހޫނު ހަމަލާތަކެއް ދައުލަތަށް އަމާޒުކޮށްފި އެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރި މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލީ ފަސް އަހަރު އެ މީހާގެ ކުށުގެ ރެކޯޑެއް ނެތުމުން ކަމަށް ބުނެ އެވެ. އެ މީހާ ހައްޔަރުކުރި ކޮޓަރިން، މަސްތުވާތަކެތި ކިރަން ބޭނުންކުރާ ކަށްޓާ އާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ޕެކެޓްތައް ފެނުނެވެ.

Ad
rt

ނަމަވެސް އެ ވާހަކަތައް ފުލުހުން ދަށު ކޯޓުގައި ބުނެފައެއް ނުވެ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ތަކެތި ފެނުނު ވާހަކަ ދަށު ކޯޓުގައި ފުލުހުން ނުދައްކާތީ އެކަންކަމަށް ދަށު ކޯޓަށް ބުރަދަން ނުދެވޭނެ ކަމަށެވެ. އަދި ދައުލަތުގެ އިހުމާލުން ކަމެއް ދިމާވާ ކޮންމެ ފަހަރަކު ހައި ކޯޓަށް ގޮސް، އިހުމާލުތަކުގައި "މަލަން އަޅަން އުޅުމަކީ" ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.

"ކޮންމެ ފަހަރަކު އިސްތިއުނާފީ ކޯޓަށް އައިސް، ކުށުގެ ކުޑަބޮޑުމިނާއި ދޫވުމުގެ ނަތީޖާގެ މައްޗަށް ބިނާކޮށް، ދަށު ކޯޓުގެ ނިންމުން ނުރަނގަޅު ކަމަށް ކަނޑައެޅުމަށް އެދި ދައުލަތުގެ ފަރުވާކުޑަ އަމަލުތަކުގައި މަލަން އަޅަން އުޅުމަކީ ގާނޫނީ ހަމަ ކަމަކަށް ނުދެކެމެވެ." ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެ މައްސަލާގައި ދައުލަތުން ހައި ކޯޓަށް މައްސަލަ ހުށަހެޅީ ދަށު ކޯޓުގައި ފާހަގަ ނުކުރާ ކަންތައްތަކެއް ފާހަގަ ކުރި ކަމަށް މާނަ ކުރެވޭ ގޮތަކަށެވެ. އަދި އެއީ ފަނޑިޔާރުންނާ މެދު ނުބައި ތަސައްވުރެއް އުފެއްދުން ކަމަށް ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.