އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓޮޓެންހަމް ހޮސްޕާއާއި ލޫޓަން ޓައުން ބައްދަލުކުރި މެޗު ޓޮޓެންހަމުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
މި މެޗު ޓޮޓެންހަމުން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ. ލޫޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ބޮޑުބައި ޓޮޓެންހަމުން ކުޅެފައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭ ޓޮޓެންހަމްގެ ބިސޮއުމާއަށް ދެވަނަ ރީނދޫ ކާޑާއިއެކު ވަނީ ރަތްކާޑު ދައްކާފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޓޮޓެންހަމަށް ޖަހައިދިނީ ވަން ޑެ ވެންއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ މެޑަޝަންގެ އެހީތެރިކަމާއި އެކުގައެވެ. ލެސްޓާ ދޫކޮށް މި ސީޒަންގައި ޓޮޓެންހަމަށް ބަދަލުވެ އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް ޓޮޓެންހަމަށް މި ސީޒަންގައި އޭނާ ވަނީ ދެ ލަނޑު ޖަހައިދި ފަސް ލަނޑު ޖަހަން އެސިސްޓް ކޮށްދީފައެވެ.
ލީގުގައި މިހާތަނަށް ޓޮޓެންހަމުން އަށް މެޗު ކުޅެފައިވާއިރު އަދި އެ ޓީމް ބަލިވެފައި ނުވެއެވެ. މިވަގުތު އެ ޓީމް ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު އަށް މެޗުން ލިބުނު 20 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ސިޓީއަށް ހަތް މެޗުން ލިބިފައި ވަނީ 18 ޕޮއިންޓެވެ. ސިޓީން ލީގުގައި މާދަމާރޭ ނުކުންނާނީ އާސެނަލްއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ސިޓީއަށް އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!