އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ރިސްކް އެލަވަންސް ބޮޑު ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވައުދުވެވަޑައިގެންފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ވަނީ ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ކެމްޕެއިން ކުރައްވަމުންނެވެ. އެމަނިކުފާނުގެ އަމާޒަކީ ހދ. އަތޮޅާއި ށ. އަތޮޅުގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ގާތަށް ގޮސް، އެމީހުން ޝަކުވާތައް އަޑުއެހުމެވެ.
ހދ. ކުރިނބީ ރައްޔިތުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ މި ސަރުކާރުގެ ސަބަބުން ވަޒީފާ އަދާކުރާ މިހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށެވެ.
ގާސިމް ވިދާޅުވީ އެކިއެކި މަސައްކަތުގައި އުޅޭ އިރު، ރިސްކް ހުންނާނީ އެކި މިންވަރަށް ކަމަށެވެ. އެހެންކަމުން އޭނާގެ ވެރިކަމެއްގައި ރިސްކެއް އޮވެގެން މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކުރައްވަން ނިންމަވާފައިވާ ކަން ގާސިމް ވަނީ އިއުލާން ކުރައްވައިފައެވެ.
އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންނާއި، އެއާޕޯޓު މުވައްޒަފުންގެ އިތުރުން ހޮސްޕިޓަލްތަކުގައި ރިސްކެއް އޮވެގެން މަސައްކަތްކުރާ ކޮންމެ މީހަކު ހިމެނޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެހެން ވަޒީފާތަކުގައި އުޅޭ މުވައްޒަފުން ވެސް އެމީހަކު އަދާކުރާ ވަޒީފާގެ ރިސްކަށް ބަލާފައި އެލަވަންސް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން މިއަދު ހދ. ނައިވާދޫގައި ވިދާޅުވީ ހޮސްޕިޓަލެއްގެ ރިސެޕްޝަނެއްގައި އެއާޕޯޓުގެ ރޭމްޕުގައި އާއި ހޮސްޕިޓަލެއްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގައި ވަޒީފާ އަދާ ކުރާ މީހަކަށް ވުރެ ރިސެޕްޝަންގައި އިންނަ މީހާ އަށް ރިސްކް ކުޑަވާނެ ކަމަށެވެ.
"އެހެންވީމަ އެކަންކަން އެސެސްކޮށް އެކަމާ ގުޅުން ހުރި ކޮންމެ ދާއިރާއަކުން ހާއްސަ އެލަވަންސެއް ދިނުމާއި ރައްކާތެރިކަން ދިނުމަކީ ވައުދުތަކުގެ ތެރޭގައި ހިމަނަން ޖެހޭ ވަރަށް މުހިންމު ކަމެއް." ނިހާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!