ހދ. ކުރިނބީ ބަދަރަށް އަޑިއަށް ދިޔަ އެ އަތޮޅު ނެއްލައިދޫ ދޯނި ނަގައިފިއެވެ.
މި ދޯނި އަޑިއަށް ދިޔައީ މިއަދުއެވެ.
މި ހާދިސާ އާއި ގުޅިގެން 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ކުރިނބީ ކައުންސިލުގެ ނައިބު ރައީސް އަހްމަދު ސިޔާހު ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ކައުންސިލަށް ލިބުނީ މިއަދު ހެނދުނު ކަމަށާއި އެވަގުތު އޭނާ ހުންނެވީ އޮފީހުގައި ކަމަށެވެ. އަދި އާންމު ރައްޔިތަކު ކައުންސިލަށް ގުޅައިފާ އެ ޚަބަރު ދިނުމުން ވަގުތުން އެ ސަރަހައްދަށް ގޮސް އެވަގުތު އެތަނުގައި ތިބި ރައްޔިތުންނާއެކު އެ ދޯނި ނެގުމުގެ މަސައްކަތް ފެށި ކަަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑު އެތަނަށް ގޮސް އެތާ ތިބި މީހުންނާއެކު މަސައްކަތް ފެށިން ދޯނި ނަގަން. އަދި ކައުންސިލުގެ އަޑުގަދަކުރާ އިން ރައްޔިތުންނަށް ގޮވީ. ދެން އިސާހިތަކު ރަށުގައި ތިބި ހުރިހާ އެންމެން ވެސް އަތުވެއްޖެ." ސިޔާހު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެ ދޯނި އަޑިއަށް ދިޔަތާ މާގިނައިރެއް ނުވެ އަދި ރައްޔިތުން ނުކުމެ ގާތްގަޑަކަށް ތިރީހަކަށް މިނެޓުގެ ތެރޭގައި ދޯނި ވަނީ ފެންމައްޗަށް ނަގާފައި ކަމަށެވެ. އަދި މި ކަމުގައި އެރަށުގައި މިވަގުތު އޮތް އެމްޓީސީސީ ގެ އެކްސްކަވޭޓަރުގެ އެހީތެރިކަން ވެސް ލިބުނުކަން އޭނާ ވަނީ އުފަލާއެކު ފާހަގަ ކުރައްވާފައެވެ.
އެ ދޯނި އަޑިއަށް ދާން މެދުވެރި ސަބަބެއް ކަމުގައި ސިޔާހު ވިދާޅުވީ އެއީ ވަަރަށް ގިނަ ދުވަސްވަންދެން ނުދުއްވާ ނެއްލައިދޫ ގައި އޮތުން ކަމަށެވެ. އަދި އެހާ ދުވަސްކޮށްފައި މިއަދު އެ ދޯނި ދުއްވާފައި އައުމުން ދިރުނބާކޮޅު (ދޯނީގެ ކުރީކޮޅު) އަޑިއަށް ދިޔައީ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި އެހެންނަމަވެސް ދޯނި އަޑިއަށް ދިއުމުން އޭގައި ހުރި ބައެއް ތަކެތި އަޑިއަށް ގޮސް، އިންޖީނަށް ލޮނުވަދެފައިވުން ފިޔަަވައި އިތުރު މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ވެސް ސިޔާހު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!