ޓާފް ހަލާކުވުމުގެ ސަބަބުން ބޭނުން ނުކުރެވި އޮންނަތާ އެތައް އަހަރެއް ވެފައިވާ ހަނިމާދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ހަނިމާދޫ ކައުންސިލާއި އެ ރަށުގެ ޒުވާނުން ގުޅިގެން ފަށައިފިއެވެ.
ހަނިމާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެ ކައުންސިލުން ރާވާފައި އޮތީ، ކައުންސިލުން އެތަނަށް ބޭނުންވާ ސާމާނު ގެނައުމުން ރަށުގެ ޒުވާނުންނާއި ކައުންސިލާއި އަދި އެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ފަރާތްތައް ނުކުމެ ޓާފްއެޅުމުގެ އަމަލީ މަސައްކަތްކޮށް ނިންމާ ގޮތަށެވެ.
މި މަސައްކަތުގެ ތެރެއިން އެތަނުގައި މިހާރު އަޅާފައިވާ ޓާފް ވަނީ ނަގައި ދަނޑުގެ ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ފަށާފައެވެ. މި ޕްރޮޖެކްޓްގެ ތެރެއިން ދަނޑުގެ ފެންސުން ހަލާކުވެފައި ހުރިތަންތަން މަރާމާތު ކުރުމާއި ދަނޑުގެ ލައިޓިން ސިސްޓަމް ރަނގަޅު ކުރުމުގެ އިތުރުން އެތަނުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ވަނީ ނިންމާފައެވެ.
މި މަސައްކަތުގައި ޒުވާނުންގެ ފަރާތުން އެކިގޮތްގޮތުން ލިބެމުންދާ އެހީތެރިކަމަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ. ކައުންސިލުން އިތުރަށް ވިދާޅުވީ މިފަދަ ކަންކަމަކީ އެއިރެއްގައި އޮންނަ ކައުންސިލަކާއި ރައްޔިތުންނާއި ގުޅިގެން ކުރިޔަށް ގެންދިޔުމުން މުޖުތަމައުގައި އެއްބައިވަންތަކަން އާލާވެގެންދާ ކަންކަން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!