ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިމާރާތްކުރަމުން އަންނަ ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު މިއަދު އާއްމުކޮށްފިއެވެ.

މި ލިސްޓް އާންމުކޮށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވީ، ސަރުކާރުން ނިންމާފައިވަނީ މި ސްކީމަށް ޝަރުތުހަމަވާ ހުރިހާފަރާތްތަކަށް ފުލެޓް ދިނުމަށް ކަމަށެވެ.

Ad
rt

ދާއިމީ ލިސްޓް އިޢުލާނުކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ޙާލަތާއިގުޅޭ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް އެ މިނިސްޓްރީގެ ފަރާތުން ކުރައްވާނެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

''ފޯމުގައި ހުށަހަޅާފައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމު "ގެދޮރުވެރިން ޕޯޓަލް" އަށް ފޯމު ހުށަހެޅުއްވިއިރު ވެފައިވާ އިޤްރާރުގައިވާ ގޮތުގެމަތިން ޢަމަލުކުރެވޭނެ، އެހެންކަމުން މި ދެންނެވި މަޢުލޫމާތު ކަށަވަރުކުރުމުގައި މިމިނިސްޓްރީގެ ފަރާތުން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުންދެއްވުމަށް ދަންނަވަން'' ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމުގެ އިންތިޒާމު 8 އޯގަސްޓް 2023 އިން 22 އޯގަސްޓް 2023 ގެ 23:59 ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް އުފައްދާފައިވާ ކުންފުނި، ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ހުޅުމާލޭގައި 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓެވެ.