މިއަހަރުގެ ސެޕްޓެމްބަރތު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދގަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމްގެ ކެނޑިޑެސީ ފޯމު، އިލެކްޝަންސް ކޮމިޝަން (އީސި) އަށް ހުށަހަޅުއްވައިފިއެވެ.

އޭނާގެ ފޯމު ހުށަހެޅުއްވީ މިއަދު އެވެ. އަދި ނާޒިމްއާ އެކު ފޯމު ހުށަހަޅުއްވަން އޭނާގެ ރަނިންމޭޓް ޑރ. އަހްމަދު އަދީލް ނަސީރު ވެސް ވަނީ ވަޑައިގެންފައެވެ.

Ad
rt

ނާޒިމްގެ ކެންޑިޑެސީ ފޯމާ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ ކޮމިޝަންގެ ރައީސް ރައީސް ފުއާދު ތައުފީގެވެ.

އެމްއެންޕީ އިން، ތިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރުމަށް ނިންމާފައިވަނީ އެއްވެސް ޕާޓީއަކާއި ކޯލިޝަން ނުހަދައި، އަމިއްލައަށެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ތިޔާސީ އިންތިހާބުގައި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވާާދަކުރައްވަނީ މިހާރުގެ ރައީސް ސާލިހެވެ. އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވާދަކުރައްވާއިރު، އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވާދަކުރައްވަން ވަނީ ނިންމަވާފައެވެ.

އިދިކޮޅު ކޯލިޝަން ޕީޕީއެމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ނެރެން ނިންމާފައިވާ ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރީ ޔާމީންގެ މައްޗަށް އޮތް ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމީ ރަނގަޅަށް ކަމަށެވެ.