އިދިކޮޅު ޕްރޮގްރސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެންސީ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.
މިއަދު ހެނދުނު އެ ފޯމު އީސީގެ ރައީސް ފުވާދު ތައުފީގަށް ހުށަހެޅުއްވީ ރައީސް ޔާމީންގެ އިންތިހާބީ އޭޖެންޓް މުހައްމަދު ތޮލާލެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ފޯމު ބަލައިގަނެފައިވާ ކަމަށާއި އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ބައިތައް ފޯމުގައި ފުރިހަމަވޭތޯ ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ހަބީބު ވިދާޅުވީ ގާނޫނީ ގޮތުން އިންތިހާބަށް ކުރިމަތިލުމާމެދު ކޮމިޝަނުން ނިންމި ގޮތް 48 ގަޑިއިރު ތެރޭގައި ކެންޑިޑަސީ ހުށަހެޅި ފަރާތަށް އެ ކޮމިޝަނުން ޖަވާބުދޭން ޖެހޭ ކަމަށާއި ނަމަވެސް 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ފޯމާއި މެދު އީސީ އިން ނިންމާ ގޮތެއް އެންގުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މީގެ އިތުރުން އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނުގެ 21 ވަނަ މާއްދާގައި އޮންނަ ގޮތުގެ މަތިން އެ ގާނޫނުގެ 16 އަދި 17 ވަނަ މާއްދާގައި ބުނާ ހުރިހާ ތަކެތި ފޯމާއެކު ހުށަހަޅާފައި ހުރިތޯ ޔަގީން ކުރާނެ ކަމަށާއި އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތައް ފުރިހަމަވޭތޯ ނުވޭތޯ ގާނޫނީ ގޮތުން އީސީން ބަލާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޔާމީންގެ ފޯމު އީސީ އަށް ހުށަހެޅުއްވިއިރު، އެމަނިކުފާނު މިހާރު ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާތީއެެވެ.
އެހެންވެ، ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަން ނުވަތަ ނޫންކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުން މައްސަލަ ނިންމާ ގޮތަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!