މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލުމުން ހުށަހެޅި ޝަކުވާތަކުގެ ތެރެއިން 551 ޝަކުވާއަކަށް ޖަވާބު ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން ވިދާޅުވިގޮތުގައި ސެޕްޓެމްބަރ 9 އަށް 18 އަހަރު ފުރޭ 138317 އަންހެނުންނާއި، 144355 ފިރިހެންނާއެކު ޖުމްލަ 282672 މީހުންނަށް ވޯޓުދިނުމުގެ ހައްގު ވަނީ ލިބިފައެވެ. އަދި އެމީހުންގެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގައި، ޝާއިޢުކޮށް ޖޫން 11 އިން 22 ގެ ނިޔަލަށް، ޝަކުވާ ހުށަހެޅުމަށް ހުޅުވައިލި ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި ލިބުނު 551 ޝަކުވާއަށް އިސީ އިން މިހާރު ވާނީ ޖަވާބު ދީފައި ކަމަށާއި ލިބުނު ޝަކުވާތަކާ ގުޅިގެން، ވޯޓުލާމީހުންގެ ލިސްޓަށް އަންނާނެ ބަދަލު މި ހަފްތާތެރޭގައި ގެޒެޓް ކުރެވޭނެ ކަމަށް ވެސް އީސީ އިން ބުނެއެވެ. އަދި ވޯޓުލާމީހުންގެ އެންމެ ފަހުގެ ލިސްޓު ވެސް އާންމު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލެވޭނީ މި ލިސްޓުގައި ތިބި މީހުންނަށް އެކަނި ކަމަށާއި އިންތިހާބެއްގެ އެންމެ މުހިންމު އެއް އަސާސް ބިނާވެގެންވަނީ ވޯޓުލާމީހުންގެ ލިސްޓަށް ކަމަށްވާތީ، މި ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމަކީ ޕާޓީތަކުންނާއި، ކެންޑިޑޭޓުންނާއި، ކައުންސިލްތަކުން އަދި ފަރުދީގޮތުން ވެސް ކުރުން ވަރަށް މުހިންމު ކަމެއް ކަމުގައި އެ ކޮމިޝަނުން ވިދާޅުވިއެވެ.
އިލެކްޝަނުން ވިދާޅުވީ އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ ޖުލައި 16 އިން އޮގަސްޓްމަހުގެ 5 ދުވަހުގެ ނިޔަލަށް ކަމަށާއި އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭނީ ޖުލައި 16 އިން ޖުލައި 29 ގެ ނިޔަލަށް ކަމަށެވެ. އަދި ޖުލައި 30 އިން އޮގަސްޓު 5 އަށް ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމުން އެކަނި ކަމަށް ވެސް އީސީ އިން ވިދާޅުވެއެވެ.
ވޯޓުލާމީހުންގެ ސައްހަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި، ޕާޓީތަކުންނާއި ކައުންސިލްތަކުންނާއި އިލެކްޝަންސް ފޯކަލް ޕޮއިންޓުން އަދި ފަރުދީގޮތުން ލިބުނު އެހީތެރިކަމަށް އީސީ އިން ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަރައްވާނެކަން އިއުލާން ކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހާއި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް އާއި އެމްއެންޕީގެ ފަރާތުން އެޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އާއި ޖޭޕީގެ ފަރާތުން އެޕާޓީގެ ލީޑަރ، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ.
މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި އެންމެފަހުން ރާއްޖެއަށް ވުޖޫދުވި ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސް އިން ވެސް ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!