ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ހިއުމަނަ ރައިޓްސް ޕޯޓަލް އިފްތިތާހު ކޮށްފިއެވެ.
މިޕޯޓަލް އިފްތިތާޙުކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.
އެޗްއާރްސީއެމް އާއި އެޓާރނީ ޖެނެެރަލް އޮފީސް ގުޅިގެން ތައްޔާރުކޮށްފައިވާ މި ޕޯޓަލް ފަރުމާ ކުރުމަށްޓަކައި ޑެންމާކު އިންސްޓިޓިއުޓް އޮފް ހިއުމަން ރައިޓްސް (ޑީ އައި އެޗް އާރް) ގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
މިޕޯޓަލްގެ މަޤްޞަދަކީ ރާއްޖޭގެ ޤާނޫނު އަސާސީއާ އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކުން ލިބޭ ޙައްޤުތައް ފޯރުކޮށްދިނުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާތައް އަދާ ކުރާ މިންވަރު މޮނިޓަރ ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމެވެ.
މިޕޯޓަލް މެދުވެެރިކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މުޢާހަދާތަކުން ކަށަވަރުކޮށްދޭ ޙައްޤުތައް ތަންފީޒުވާ މިންވަރު ބެލޭނެ ކަމަށް އެޗްއާރްސީއެމް އިން ބުނެެއެވެ.
މީގެއިތުރުން، އ.ދގެ އިންސާނީ ޙައްޤުތަކާބެހޭ ޓްރީޓީ ބޮޑީތަކުންނާއި ،ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ ޕީ އާރް) ގެ ދަށުން ދިވެހި ދައުލަތަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ، އެޗްއާރްސީއެމުން ހުށަހަޅާ ހުށަހެޅުންތައް ދައުލަތުން ތަންފީޒު ކުރާ މިންވަރު ދެނެގަތުމުގެ އިތުރުން އެޓަރނީ ޖެނަރަލް އޮފީހުން އެކުލަވާލާ ނެޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭން ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށް މި ޕޯޓަލްގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށް ވެސް އެކޮމިޝަނުން ބުނެއެވެ.
އެޗްއާރްސީއެމުން ބުނެފައިވާ ގޮތުގައި މިއަހަރަކީ އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް ކޮމިޝަނުން ކާމިޔާބީތަކެއް ޙާޞިލުކޮށްފައިވާ އަހަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!