ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާއި ޚިލާފަށް ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔުމާއި ގުޅިގެން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މާލެ ސިޓީ ކައުންސިލްގެ އިދާރާ ޖޫރިމަނާކޮށްފި އެވެ.
އީޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް އެ ކައުންސިލުން ގިނަ އަދަދަކަށް ކުނި އަޅާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބުމާއި ގުޅިގެން އެ މައްސަލަ ބަލާފައިވާނެކަމަށެވެ.
އެކައުންސިލް ޖޫރިމަނާކޮށްފައިވަނީ، ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2013/R-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) އަށް ރިޢާޔަތްކޮށް ޖުމްލަ 45,500.00ރ (ސާޅީސް ފަސްހާސް ފައްސަތޭކަ ރުފިޔާ) އަށެވެ.
މި ޖޫރިމަނާގެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއަށް މިހާރު އަންގާފައިވާކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެ އެޖެންސީ އާއި މާލެ ސިޓީ ކައުންސިލްގެ އިދާރާ އާއި ދެމެދު ބަދަލުކުރެވުނު ލިޔެކިޔުންތަކުން ދެނެގަނެވިފައިވާގޮތުގައި އެކުނިތަކަކީ، މާލޭގެ މަގުތަކަށް ގަވާއިދާ ޚިލާފަށް ކުނި އަޅާފައި ހުންނަ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބުމުން، އެ ކައުންސިލްގެ މުވައްޒަފުން އެތަންތަނަށްގޮސް ކުނި ނަގައި ސާފުކުރުމަށްފަހު އެފަދައިން ނަގާ ކުނި، ވެމްކޯގެ ސައިޓް ބަންދު ގަޑިތަކުގައި (ރޭގަނޑު) އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ ބިމުގައި ބަހައްޓާފައިވާ ކުންޏެވެ. ނަމަވެސް ހެނދުނު ވެމްކޯ އަށް އެ ކުނިތައް އުކާލާކަމަށްވެސް ބުނެފައިވެއެވެ.
"މި މައްސަލައަކީ ގިނަ އަދަދެއްގެ ޢާންމުންވެސް މި އެޖެންސީއަށް ޝަކުވާ ހުށަހަޅާފައިވާ މައްސަލައެކެވެ. އަދި، މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ކުނިއަޅާފައިވާކަން އެކި ތާރީޚްތަކުގައި މި އެޖެންސީގެ މުވައްޒަފުން އެ ސަރަޙައްދަށް ގޮސް ބަލާ ކަށަވަރުކުރެވިފައިވެއެވެ."
އީޕީއޭ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ކުނިއެޅުމާއި ޖަމާކުރުން ވަގުތުން ހުއްޓާލާ، މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ކުނި މެނޭޖުކުރުމުގެ އެއްވެސް ޚިދުމަތެއް ފޯރުކޮށްދޭނަމަ ގަވާއިދު ނަންބަރު 2013/R-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގެ ދަށުން ނަންގަވަންޖެހޭ ހުއްދަތައް ނެގުމަށާއި، ކުނި މެނޭޖްކުރުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އެކައުންސިލަށް މިހާރު އަންގާފައިވާނެކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!