ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަތުން 52 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި ޕީޖީ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ޔާމީން އެ މައްސަލާގައި ލޯންޑާކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނު ހައި ކޯޓުން ކުރިން ބާތިލްކުރި އެވެ.

Ad
rt

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ 52 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި މިދިޔަ ހަފުތާގައި ހައި ކޯޓުގައި އިސްތިއުނާފްކުރީ ކްރިމިނަލް ކޯޓުގެ ކުރީގެ އަމުރު އެ ކޯޓުން ބާތިލް ކުރުމުން ކަމަށެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާތައް ހުކުމްކުރާ ވަގުތު ދައުލަތަށް ނަގަން އަމުރުކުރަން ޖެހެ އެވެ.

އެކަމަކު ޔާމީންގެ މައްސަލާގައި އެ ފައިސާ ދައުލަތަށް ނަގަން އަމުރުކުރީ ދެ މަސްފަހުންނެވެ.

އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ މަހު ނިންމީ ހުކުމްކުރި ފަހުން އެ ފައިސާ ދައުލަތަށް ދައްކަން އަމުރުކުރީ ގޯސްކޮށް ކަމަށެވެ.