ދަރިންގެ ހަރަދަށް 160،000 އަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ހުރި ބައްޕައަކު ދެ މަސް ދުވަހަށް ގޭގައި ބަންދުކުރަން ރަށެއްގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ފ. އަތޮޅު ރަށެއްގެ ކޯޓަކުން ދިވެހި ފިރިހެނެއްގެ މައްޗަށް އެގޮތަށް ހުކުމްކުރީ އޭނާގެ ދެ ދަރިންނަށް ގަވާއިދުން ހަރަދު ނުދޭތީ އެ ކުދިންގެ މަންމަގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. މީގެކުރިން ވެސް ދަރިންގެ ހަރަދު ނުދޭތީ އޭނާ 15 ދުވަހަށް ގޭގައި ބަންދުކުރަން ކޯޓުން ހުކުމްކުރި އެވެ.
ކޯޓުގެ ހުކުމުގައިވަނީ ދަރިންގެ ހަރަދުދޭން 2017 ވަނަ އަހަރު އެންގި ފަހުން މިހާތަނަށް ކޯޓަށް ދައްކާފައިވަނީ 18،500ރ. ކަމަށާއި އަދި ބާކީ ނުދައްކާ 167،500ރ. އެބައޮތް ކަމަށެވެ. އަދި އެ ފައިސާ އެއްފަހަރާ ދެއްކެން ނެތް ކަމަށާއި ފައިސާ ދެއްކުމުގައި ލުއި ގޮތެއް ހޯދަން އެ މީހާ އެދިފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެ މީހާގެ ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ކޯޓުން ބެލިއިރު އޭނާގެ އެކައުންޓްތަކުގައި ފައިސާއެއް ނެތެވެ. އަދި މިއީ ހަރަދު ނުދީގެން އޭނާގެ މައްޗަށް ކުރިން ވެސް އަދަބު ކަނޑައަޅާފައިވާ ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ހުކުމުގައި އަންގާފައިވަނީ އެ މީހާ ދެ މަހަށް ގޭގައި ބަންދުކުރަން އެންގުމާ އެކު، ގަވާއިދުން ދަރިންގެ ހަރަދު ދައްކަމުން ދިއުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!