އެއްވެސް ވަޒީރެއްގެ އިތުބާރު ނުގެއްލޭ ކަމަށާއި، ގެއްލިގެން އުޅެނީ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ޔަގީންކަންކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

ޝިފާޢު މިހެން ވިދާޅުވެފައި މިވަނީ ބަންޑާރަނައިބު އިބްރާޙީމް ރިފްއަތު މަގާމުން ވަކިކުރަން އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓުނަގަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން އުފައްދާފައިވާ އިއްތިހާދަކުން މަސައްކަތްފަށާފައިވަނިކޮށެވެ.

Ad
rt

އެ އިއްތިހާދަކީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން، އެކަމުގައި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އުފައްދައިގެންއުޅޭ އިއްތިހާދެކެވެ.

މި އިއްތިހާދުގެ ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕުން އިއްޔެ ރައްޔިތުންގެ މަޖިލިސްގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބަންޑާރަނައިބު ރިއްފަތު މަގާމުން ދުރުކުރުމަށް އިތުބާރުގެ މައްސަލައެއް ކުރިއަށްގެންދަން މަސައްކަތް ކުރާކަން ހާމަކޮށްފައެވެ.

މިކަމާއިގުޅިގެން މެންބަރު ޝިފާޢު ވިދާޅުވީ، ސަރުކާރުގެ އެއްވެސް ވަޒީރެއްގެ އިތުބާރު ނުގެއްލޭ ކަމަށެވެ. އަދި ގެއްލިގެން އުޅެނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ޔަގީންކަންކަމަށް އޭނާ ވިދާޅުވެފަވެއެވެ.

މިކަމާއިގުޅިގެން އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށާއި، ންޑާރަނައިބުގެ މައްޗަށް އެމްޑީޕީގެ ފުރިހަމަ އިތުބާރު އޮތްކަމަށެވެ.

މީގެއިތުރުން ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް އެ ޕާޓީން ކާމިޔާބުވިޔަ ނުދޭނެ ކަމަށާއި، އަދި އެ ވޯޓާ ދެކޮޅަށް, ބަންޑާރަނައިބު ރިފްއަތުއާ އެކުގައި ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕް ތިއްބެވި ކަމުގެ ޔަގީންކަން ދޭކަމަށް ވެސް ބުނެފަވެއެވެ.