ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ ބެލެހެއްޓުމުގެ ހަރަދު އެ ކުއްޖާގެ ބައްޕަ ކޮންމެ މަހަކު ދައުލަތަށް ދޭންޖެހޭ ގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު އަމުރެއް ނެރެފި އެވެ.
ފެމިލީ ކޯޓުން ބުނީ އެގޮތަށް އެ ކޯޓުން އަމުރު ނެރުނީ މައިންބަފައިންގެ ފަރާތުން ރައްކާތެރިކަން ނުލިބޭތީ އާއި ހަވާލުވާނެ ފަރާތެއް އާއިލާގައި ނެތިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކުއްޖެއްގެ މައްސަލާގައި ކަމަށެވެ.
ކޯޓުން އަމުރުކުރީ ކުއްޖާ ބެލެހެއްޓުމުގެ ހުރިހާ ހަރަދަކަށް ކޮންމެ މަހަކު 16،219ރ. ބައްޕަ ދޭންޖެހޭ ގޮތަށެވެ. މިކަމަށް ބައްޕަގެ ފަރާތުން ވެސް އެއްބަސްވެ އެވެ. މިއީ ދަރިންގެ ހަރަދަށް ނަގައިދޭ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ.
ފެމިލީ ކޯޓުން ބުނިގޮތުގައި އެ މިންވަރަށް ދޭންޖެހޭ ގޮތަށް ނިންމީ އެ ކުއްޖާއަކީ ހާއްސަ ފަރުވާ ބޭނުންވާ ކުއްޖަކަށް ވާތީ އެކަމަށް ބޭނުންވާ ފައިސާ އާއި އަންނައުނާއި އަދި ކެއިންބުއިމާއި އެ ކުއްޖާ ބަހައްޓާފައިވާ ތަނުގެ ކަރަންޓާއި ފެނާއި މުވައްޒަފުންނަށް ކުރަންޖެހޭ ހަރަދުތައް ހިމަނައިގެން ކަމަށެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އޮންނަ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖަކު ހުންނައިރު ކުރަންޖެހޭ ހަރަދުތައް މައިންބަފައިންގެ އަތުން ހޯދިދާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!