ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ދެ ޕާޓީކަމަށްވާ ޕީޕީއެމް އާއި ޕީއެންސީގެ ފިކުރަކީ އެ ޕާޓީތައް ޤަބޫލުކުރާ ޤަބޫލުކުރުންތައް ހިމާޔަތްކޮށް، ބިނާ ކުރުވަނިވި ފިކުރެއްކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ އެއް ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ 'ހޯޕް ކޮންފަރެންސް' 1057 އަށްވުރެ ގިނަ މެމްބަރުންނާއެކު މިއަދު މެންދުރުފަހު ވެރިރަށް މާލޭގައި ފަށާފައިވާއިރު، އެ ކޮންފަރެންސްގައި ޕީޕީއެމްގެ ފިކުރިއްޔާތާއިގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ދެއްވަމުން ޝިޔާމް ވިދާޅުވީ ޕީޕީއެމް-ޕީއެންސީއަކީ ކޮން ފިކުރެއްތޯ އަހާލާއަޑު ހޮޅިއަށިތަކުންނާއި އެ ނޫންވެސް ތަންތަނުން ވެސް އިވިވަޑައިގަންނަވާ ކަމަށެވެ. އެއަށްފަހު ޝިޔާމް ވަނީ އެ ކޯލިޝަންގެ ފިކުރަކީ ކޮބައިތޯ ކޮންފަރެންސްގެ ބައިވެރިންނާ އެ ކޯލިޝަންގެ ފިކުރާމެދު ސުވާލު ކުރަށްވާފައެެވެ.
އެ ސުވާލުގެ ޖަވާބުގައި ބައިވެރިންގެ އަޑު ގުގުމަމުން ދިޔައީ އެއީ ބިނާ ކުރުވަނިވި ފިކުރު ކަމަށެވެ. އަދި އެއީ ލާދިއްނިއްޔާތަކާ ދެކޮޅު ފިކުރުކަމަށް ބުނަމުންދިޔައެވެ.
''ތިބޭފުޅުން ތި ކިޔުއްވި މާނަތަކުގައިވާ ފަދައިން ޕީޕީއެމް-ޕީއެންސީއަކީ ޤަބޫލުކުރާކުރުންތައް ހިމާޔަތް ކުރުމުގެ އިތުރުން ބިނާކުރުވަނިވި ފިކުރެއް'' ޝިޔާމް ވިދާޅުވިއެވެ.
''އަޅުގަނޑުމެންގެ ލެންސުން ދިވެހިރާއްޖެ ދައުލަތެއްގެ ގޮތުގައި އޮންނަން ބޭނުންވާ ގޮތްތަކެއް ރައީސް ޔާމީން ބޭނުންފުޅުވާ ގޮތްތަކެއް އެބަހުރޭ، ފުރަތަމަ އެމަނިކުފާނުގެ ވެރިކަމުގައި އަޅުގަނޑުމެން އުޅުނީ އެ އަގުކުރުންތައް، އެ ގަބޫލު ކުރުންތައް ނޫނީ އެތައްސައްވުރެގެ މަތީގައި، ދެންވެސް ﷲ އިރާދަފުޅުން ޔާމީންގެ ޒައާމަތެއްގައި އެ ތަސައްވުރެ މަތީގައި ތިބޭނީ'' ޝިޔާމް އިތުރަށް ވިދާޅުވިއެވެ.
ޝިޔާމްގެ ވާހަކާގައި ވިދާޅުވީ، އެ ކޯލިޝަންގެ އަގުކުރުންތައް ވަނީ ދެބަޔަކަށްބެހިފައި ކަމަށެވެ. އެއީ ގައުމިއްޔަތާއި ގުޅިފައިވާ އިސްލާމްދީނާއި، ޤައުމުގެ މިނިވަންކަމާއި، ސިޔާދަަތު ހިމާޔަތްކުރުންފަދަ އަގުކުރުންތަކާއި، ފުދުންތެރިކަން އިތުރުކޮށް، ތަރައްގީގެނައުންފަދަ ސިޔާސަތުތަކާއި ގުޅުންހުރި އަގުކުރުންތައް ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ޒައާމަތުގައި ދީން ހަތިޔާރަކަށް ނަހައްދަވާ ކަމަށާއި، އެމަނިކުފާނު ވަނީ ދީން ރައްކާތެރިކޮށް ދީނީ ޝިއާރު ދިރުވުމުގެ ކަންކަން ޢަމަލުން ދައްކަވާފަކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!