ޖަރުމަނު ލީގުގެ ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖަރުމަނުގެ ޒުވާން ފޯވާޑް ފޫސުފާ މުކޯކޯ އޭނާ ޑޯޓްމަންޑާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

ޔޫރަޕުގެ ބައެއް ބޮޑެތި ކުލަބްތައް ކަމަށްވާ ބާސެލޯނާއާއި ޗެލްސީފަދަ ޓީމްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ އުމުރުން 18 އަހަރުގެ މުކޯކޯ އޭނާ ޑޯޓްމަންޑާއިއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާއިރު، އޭނާ މިވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ކުލަބުގައި މަޑުކުރަން ނިންމާފައެވެ.

Ad
rt

މުކޯކޯ ޑޯޓްމަންޑާއި ގުޅިފައި ވަނީ ޖަރުމަނުގެ ދެވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ އެސްޓީ ޕައުލީންނެވެ. އެއީ 2016 ވަނަ އަހަރުއެވެ.

އެއްބަސްވުން އައު ކުރުމަށް ފަހު މުކޯކޯ ބުނެފައި ވަނީ އެހެން ކުލަބުތަކުން އޭނާއަށް ޝަޢުޤުވެރިވާތީ އޭނާ އެކަމާއި އުފާކުރާ ކަމަށާއި، ނަމަވެސް ޑޯޓްމަންޑުގައި ހުންނަން ނިންމި ނިންމުމަކީ އެއީ އޭނާގެ ހިތާ ގުޅިފައިވާ ނިންމުމެއް ކަމަށެވެ. އަދި ކުލަބާއި ކުލަބުގެ ސަޕޯޓަރުން ފަރާތުން އޭނާއަށް ބޮޑު ސަޕޯޓެއް ލިބެމުން އަންނަ ކަމަށާއި ވުމާއިއެކު އެކަމުގެ ބަދަލު ކުލަބަށާއި ސަޕޯޓަރުންނަށް އޭނާ ދޭން ބޭނުންވާ ކަމަށެވެ.

މުކޯކޯ ވަނީ ނިމިދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖަރުމަނުން އެކުލަވާލި ޓީމުގައި ވެސް ހިމެނިފައެވެ. ގްރޫޕް ސްޓޭޖުގައި ޖަޕާނު އަތުން ޖަރުމަނު ބަލިވި މެޗުގެ ފަހުބައިގައި އޭނާ ވަނީ ކުޅެފައެވެ.

މުކޯކޯ އަންނަނީ ޑޯޓްމަންޑްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަންގައި މިހާތަނަށް ޑޯޓްމަންޑަށް ކުޅެދިން 22 މެޗުގައި އޭނާ ވަނީ ހަ ލަނޑުޖަހައި ހަ ލަނޑު ޖެހުމަށް އޭނާ ވަނީ އެހީތެރިވެފައެވެ.