އިޓާލިއަން ލީގުގައި ރޭ ނަޕޯލީއާއި ސެލަނިޓާނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ނަޕޯލީން ލީޑު ފުޅާ ކޮށްފިއެވެ.
ރޭ ސެލަނިޓާނާގެ ދަނޑުގައި ކުޅުނު މެޗު ނަޕޯލީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ނަޕޯލީން މި ސީޒަންގައި ދައްކަމުން އަންނަ މޮޅު ކުޅުން މި މެޗުގައި ވެސް އެ ޓީމުން ވަނީ ތަކުރާރު ކޮށްފައެވެ. މެޗު ފަށައިގެން ފުރަތަމަ ނުރައްކާތެރި ހަމަލާއެއް އުފެއްދީ ނަޕޯލީންނެވެ. ކޯނަރަކުން ތަނަވަސްވީ ފުރުޞަތެއްގައި އެ ޓީމްގެ އިތުބާރު ފޯވާޑް ވިކްޓަ އޮޝީމެން ފޮނުވާލި ހަމަލާ ސެލަނިޓާނާގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އޭގެ ދެ މިނެޓް ފަހުން ސެލަނިޓާނާއިން ވަނީ ނަޕޯލީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެ ޓީމްގެ ފޯވާޑް ޕިއަޓެކް ފޮނުވާލި ހަމަލާ ނަޕޯލީގެ ކީޕަރު އަލެކްސް މެރެޓް ވަނީ މަތަކޮށްފައެވެ.
މެޗުގެ 35 ވަނަ މިނެޓުގައި ނަޕޯލީގެ ފޯވާޑް އޮޝީމެން ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ބޯޅަ ލިބުނު ވަގުތު އޭނާ އޮފްސައިޑްގައި ހުރުމުން ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.
މެޗުގައި ނަޕޯލީން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ ލޮރެންޒޯއެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓްގެ ތެރޭ ނަޕޯލީން ވަނީ ލަނޑުޖަހައި ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އޮޝީމެންއެވެ.
އެއަށް ފަހު ވެސް ދެ ޓީމްގެ ފަރާތުން ނުރައްކާތެރި ހަމަލާތައް ވަނީ ފެނިގެން ގޮސްފައެވެ. ސެލަނިޓާނާއަށް ލަނޑުޖަހާނެ އެއްމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ އެ ޓީމްގެ ފޯވާޑް ޕިއަޓެކަށެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މި ނަތީޖާއާއިއެކު ނަޕޯލީއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 12 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް މިލާނަށް ލިބިފައި ވަނީ 18 މެޗުން 38 ޕޮއިންޓެވެ. ތިންވަނާގައި އިންޓަ އޮތީ 18 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. މެޗުނަ ބަލިވި ސެލަނިޓާނާ އޮތީ ތާވަލުގެ 15 ވަނާގައެވެ. އެ ޓީމަށް 19 މެޗުން ލިބިފައި ވަނީ 18 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!