ފްރާންސާއި ޓޮޓެންހަމްގެ ގޯލްކީޕަރ ހޫގޯ ލޮރިސް އުމުރުން 36 އަހަރުގައި ފްރާންސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.
ލޮރިސް ފްރާންސް ގައުމީ ޖޯޒީގައި އެންމެ ފަހުން ކުޅެފައި ވަނީ މިދިޔަ ޑިސެމްބަރ 18 ވަނަ ދުވަހު ގަތަރުގައި ނިމިގެންދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި އާޖެންޓީނާއާއި ދެކޮޅަށެވެ.
ލޮރޮސް ބުނެފައި ވަނީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ، ގައުމީ ޓީމަށް ހުރިހާ ކަމެއް ކޮށްދެވިފައިވާ ކަމުގެ އިހުސާސާއި އެކުގައި ކަމަށެވެ.
ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފިކޭޝަން ފަށަން ގާތްގަނޑަކަށް ދެ މަސްދުވަހަށް ވެފައިވަނިކޮށް، ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިޢުލާން ކުރަމުން ލޮރިސް ބުނީ އޭނާ ގަބޫލްކުރާ ގޮތުގައި ކޮލިފިކޭޝަން ފެށުމުގެ ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމުން އެއީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ދެކޭ ކަމަށެވެ.
ޔޫރޯ ކޮލިފިކޭޝަންގައި މިފަހަރު ފްރާންސާއި އެއް ގްރޫޕެއްގައި އޮތީ ނެދަލެންޑްސް، ގިބްރާލްޓާ، ގްރީސްގެ އިތުރުން ރިޕަބްލިކް އޮފެ އަޔަލެންޑެވެ.
ލޮރިސް އެންމެ ފުރަތަމަ ފްރާންސް ގައުމީ ޓީމަށް ކުޅެފައި ވަނީ އޭނާގެ އުމުރުން 21 އަހަރުގައި، ފްރާންސުން އުރުގުއޭއާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އެއީ 2008 ވަނަ އަހަރުއެވެ.
ލޮރިސްއަކީ ފްރާންސް ޖޯޒީގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ފްރާންސް ގައުމީ ޓީމަށް 145 މެޗު ކުޅެދީފައެވެ. އަދި އެންމެ ގިނަ މެޗުގައި ފްރާންސްގެ ކެޕްޓަން ބޭންޑް އެޅި ކުޅުންތެރިއަކީ ވެސް ލޮރިސްއެވެ.
ލޮރިސް އިތުރަށް ބުނެފައި ވަނީ ވޯލްޑް ކަޕް ނިމުމަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނަމުން އައި ކަމަށެވެ. ނަމަވެސް މިކަން އޭނާގެ ހިތުގައި އޮންނަތާ ގާތްގަނޑަކަށް ހަމަސް ދުވަސް ވެދާނެ ކަމަށެވެ. މި ނިންމުން ނިންމި އިތުރު ސަބަބެއްގެ ގޮތުގައި ލޮރިސް ފާހަގަ ކޮށްފައި ވަނީ އޭނާގެ އާއިލާއަށް ދޭ ވަގުތު އިތުރު ކުރުމެވެ.
ލޮރިސްއަކީ ފްރާންސް ގައުމީ ޓީމާއިއެކު ފާހަގަ ކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. މިގޮތުން އޭނާ ވަނީ 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ތަށި ފްރާންސް ޓީމާއިއެކު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޔުއެފާ ނޭޝަންސް ލީގު ވެސް އޭނާ ވަނީ ފްރާންސް ޓީމާއިއެކު ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!