ދިވެހިރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ދިރުންތަކުގެ ތެރޭގައި ހިމެނޭ އެންމެހާ މަޑީގެ ބާވަތްތަކަށް ގެއްލުންލިބޭފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސް ކޮށްފިއެވެ.
ދިވެހިރާއްޖޭގެ ކަނޑާއި ފަރުތަކާއި ފަޅުތަކުގައި ދިރިއުޅޭ އެންމެހާ މަޑީގެ ބާވަތްތަކަށް ގެއްލުން ލިބޭފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަން ހާމަކޮށް އެ އެޖެންސީން މިއަދު އާންމު ކޮށްފައިވާ ނޫސް ބަޔާނުގައި ވިދާޅުވެފައި ވަނީ މި ދުވަސްވަރަކީ، ޗުއްޓީ ދުވަސްވަރަށް ވުމުން އަތޮޅުތެރެއަށް ދަތުރުފަތުރުކުރުން އިތުރުވެ ރާއްޖޭގެ ގުދުރަތީ ރީތި މާހައުލުގައި ފަތުރުވެރިކަމާއި ގުޅޭ ސްނޯރކްލިންގް، ޑައިވިން، ކްރޫޒިން ފަދަ ހަރަކާތްތައް އިތުރުވާ ދުވަސްވަރަކަށް ވެފައި މޫދަށް އެރިއުޅޭ ފަރާތްތަކުގެ އަދަދު އިތުރުވެ، ބައެއް ފަރާތްތަކުގެ އަމަލުތައް ބަހައްޓާ ގޮތުން މަޑީގެ އާއިލާއަށް ނޭދެވޭ އަސަރު ކުރުމަކީ އެ އެޖެންސީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
މަޑީގެ އެންމެހާ ބާވަތްތަކަކީ ގާނޫނީ ގޮތުން ރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ބާވަތެއް ކަން އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. ކަނޑުފަޅުގެ ދިރުންތަކަކީ އޮޅު ޖަނަވާރުކަމުގައި ނުވެފައި، އެތަކެތީގައި އަތްލާ، ކާންދީހެދުމަކީ އޭގެ ޠަބީޢީ ގޮތްތަކަށް އަދި ގުދުރަތީ ނިޒާމަށް ބުރޫ އަރާ، އަދި އެކިކަހަލަ ބަލިތަކަށް މިދިރުންތައް ހުށަހެޅިގެންދާނެފަދަ އަމަލެއްކަން ފާހަގަ ކޮށް އެގޮތަށް އަމަލުތައް ނުބެހެއްޓުމަށް ވެސް އެ ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފައެވެ.
މަޑީގެ ގިނަ ބާވަތްތަކަކީ ބައިނަލްއަގުވާމީ އެކި މުޢާހަދާތަކާއި އޯގަނައިޒޭޝަންތަކުން 'ނެތެމުންދާކަން' ނުވަތަ 'މަދުވަމުންދާކަން' ފާހަގަކުރެވިފައިވާ ބާވަތްތައް ކަމަށާއި ޚާއްސަގޮތެއްގައި އެންމަޑީގެ ދެބާވަތްކަމުގައިވާ ”ރީފް މަންތާރޭ“ އަކީ "ވަލްނަރަބަލް" އަދި ”ޖަޔަންޓް އޯޝަނިކް މަންތާރޭ“ އަކީ "އެންޑޭންޖަރޑް" ދިރުންތަކެއްގެ ގޮތުގައި އައި.ޔޫ.ސީ.އެން ރެޑްލިސްޓް ގައި ފާހަގަ ކޮށްފައިވާ ބާވަތްތައް ކަން އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ކަނޑުފަޅުގައި އުޅަނދުފަހަރު ދުއްވާއިރުގައާއި ފަތުރުވެރިކަމާއި ގުޅޭ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި އެއްވެސް ބާވަތެއްގެ މަޑިއެއްގެ ގުދުރަތީ ދިރިއުޅުމަށް ބޫރޫ ނާރާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށާއި، އިލްތިމާސް ކުރާ ކަމަށެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާއި ގުޅޭގޮތުން އެ އެޖެންސީން އަންގާ އެންގުންތަކާއި، ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ދެއްވުމަށް އެ ބަޔާނުގައި ވަނީ އެދިލައްވާފައެވެ.
މީގެ އިތުރުން މަޑީގެ ބާވަތްތަކަށް ގެއްލުންލިބޭފަދަ އަމަލު ހިންގާ ފަރާތްތަކާއިމެދު އެ އޭޖެންސީއިން ގާނޫނީގޮތުން ފިޔަވަޅު އަޅާނެކަމުގައި އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!