ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ މައްޗަށް މިއަދު އިއްވި ޙުކުމަކީ ސިޔާސީ ހުކުމެއްކަމަށާއި، އެންމެ ފަހުވަގުތާއިހަމައަށް ޔާމީން ސަލާމަތްކުރުމުގެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް، އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި މިއަދު ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ. ޖޫރިމަނާ ފައިސާ މިއަދުން ފެށިގެން ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ވެސް އެންގި އެވެ.
އެ ހުކުމަށްފަހު ކުރިން ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނަށް ދެމުން ދަނީ އަނިޔާއެއް ކަމަށާއި އެ އަނިޔާއާއި ދެކޮޅަށް ފަހުވަގުތާ ހަމައަށް ވެސް ހުންނަވާނެ ކަމަށެވެ.
''ދިވެހި ބިމުގައި ޚާއިނުން ހިއްޕާފައިވާ ވަކިތައް ނައްޓުވައި، ސިޔާސީ ގޮތުން ރައީސް ޔާމީނަށް ކޮށްފައިވާ ހަރާމް ހުކުމުން ރެކިވަޑައިގަތުމަށް ކުރަންޖެހުނު ކޮންމެކަމެއް ކުރުމުގައި ދެމި ހުންނާނަން'' އާދަމް ޝަރީފް ވިދާޅުވެފަވެއެވެ.
އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް އިއްވެވި މި ހުކުމް ދެމި އޮތްހާ ހިނދަކު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!