ޖަލުތަކުގެ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް ކުރެވެންދާ މަސައްކަތުގެ ތެެރެއިން ޖަލުތަކަށް 220 ޖާގަ އިތުރުކުރެވި، 130 ޖާގަ އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅުނު އޮފިސަރުންނަށް ހިންގި ''ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ'' ޕްރޮގްރާމް ގެ 8 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ޕްރިޒަން ރިފޯކުރުމުގެ މަސައްކަތް ފަށައިގަތީ ތިން ކަމަކަށް ބައްލަވައިގެން ކަމަށެވެ.
މިގޮތުން ފުރަތަމަ ކަމަކީ ޕްރިޒަން އޮފިސަރުން ރެކްރޫޓްކޮށް ފުރިހަމައަށް ތަމްރީންކުރުން ކަމަށާއި، ދެވަނަ ކަމަކީ ޖަލުތަކަށް ބޭނުންވާ ފުރިހަމަ އިންފްރާސްޓްރަކްޗރ ޤާއިމުކުރުން ކަމަށާއި އަދި ތިން ވަނަ ކަމަކީ އެކަމަށް ބޭނުންވާ ފުރިހަމަ ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވާލާ ފުރިހަމަކުރުން ކަމަށް ވިދާޅުވިއެވެ.
ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި 241 އޮފިސަރުން ނޫނީ ގާތްގަނޑަކަށް 30 ޕަސެންޓް އޮފިސަރުން އިތުރުކުރެވުނުކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު އޮފިސަރުން ހޯދައި، 40 ޕަސެންޓަށް އަދަދު އިތުރު ކުރައްވާނެކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޖަލު އޮފިސަރުން ތަމްރީން ކުރުމަށް އިސްކަންދެއްވާކަމަށާއި، އޮފިސަރުން ތަމްރީންކުރުމުގައި އައިކޯސްޓް އަދާކުރަމުންދާ އަގުހުރި ދައުރު ފާހަގަކުރައްވާ ކަމަށެވެ.
ކޯވިޑް-19 ގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވީނަމަވެސް، ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މިހާތަނަށް 220 ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި، 130 މީހުންގެ ޖާގައިގެ ތަނެއް މާފުށީ ޖަލުގައި ހެދުމަށް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހައި ސެކިއުރިޓީ ޖަލެއް ހެދުން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވިގޮތުގައި، އަންނަ އަހަރު ހުޅުމާލޭ ޖަލުގައި އެޅުމަށް ހަމަޖެހިފައިވާ ޕްރިޒަން ކޮމްޕްލެކްސް ނިމުމުން ޖަލުގެ ޚިދުމަތްތަކަށް އިންޤިލާބީ ބޮޑު ބަދަލުތަކެއް އަންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!