ސައިންސް މާއްދާ އާ ގުޅުންހުރި މައުލޫމާތުތަކެއް ހޯދަން ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލްގެ ގްރޭޑް 5 އަދި 6 ގެ ދަރިވަރުން ނޭކުރެންދޫ ކަނޑޫފަލަށް ޒިޔާރަތް ކޮށްފިއެވެ.

އަފީފުއްދީން ސްކޫލުން ބުނިގޮތުގައި ސައިންސް މާއްދާގެ ފިލާވަޅަކަށް ބޭނުންވާ މައުލޫމާތު ހޯދަން ކުރި ތަޖުރިބާ ދަތުރުކޮށްފައިވަނީ މިމަހުގެ 10 ވަނަދުވަހުގައެވެ. މިދަތުރުގައު އެ ސްލޫލުގެ 116 ދަރިވަރަކު ބައިވެރިވެފައިވާއިރު އެކުދިންނާއެކު ބެލެނިވެރިންނާއި މުދައްރިސުން އަދި މޯލްޑިވްސް ރެޑްކުރެސެންޓުގެ ފަސްއެއިޑް ޓީމް ބައިވެރިވިއެވެ. މި ދަތުރުގައި އެކުދިން ވަނީ ފިލާވަޅާ ގުޅުންހުރި ގިނަ މައުލޫމާތު ތަކެއް ހޯދާފައެވެ.

ނޭކުރެންދޫ ކަނޑޫފަލަކަށް ކުދިން ގެންދިއައީ ތަފާތު މާހައުލެއް ތަޖުރިބާ ކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުންކަމަށް ސުކޫލުން ހާމަކޮށްފައި ވެއެވެ. މިދަތުރުގައި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ނޭކުރެންދޫ ސްކޫލާއި އަފީފުއްދީން ސުކޫލުގެ ބެލެނިވެރިންނާއި މުވައްޒަފުންގެ އިތުރުން މޯލްޑިވްސް ރެޑްކުރެސެންޓުގެ ފަސްއެއިޑް ޓީމްއަށް އެސްކޫލުންވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އެދަތުރުގައި ގަައިޑެއްގެ ގޮތުން އެހީތެރިވި ނޭކުރެންދޫ އިރަމާގެ އިބްރާހިމް މާރިފްއަށް ޝުކުރު އަދާކޮށްފައި ވެއެވެ.

އަފީދުއްދީން ސްކޫލަކީ ޕްރީސްކޫލް އުމުރުފުރައިން ފެށިގެން ގްރޭޑް ދިހައަކާއި ހަމައަށް 870 ދަރިވަރުން ކިޔަވަމުންއަންނަ ސްކޫލެކެވެ.

ނޭކުރެންދޫ ކަނޑޫފަލު ހިމެނޭ، ކުޅި، ފާ، ޗަސްބިން ސަރަހައްދަކީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!