އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ މި ސަރުކާރަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިފަދައިން ވިދާޅުވީ ސަރުކާރުން، ރާއްޖޭގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ކޮންމެ ހަފުތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

މިއުވާން ވިދާޅުވީ އެ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތަށް އެއްވެސް ދަތިކަމެއް ނެތް ކަމަށާއި އައު އިމާރާތައް ބޭނުންވާ ބިން ހުސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.

އަމީން ކޮންސްޓްރަކްޝަނާ، މި ޕްރޮޖެކްޓް އެވޯޑްކޮށްފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިމަހުގެ ފަހުކޮޅަށް ބާ ޖަމާލުއްދީން ސްކޫލު ތަޅާލުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

"ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތްވެންދާނީ ކުރީގެ އިމާރާތަށްވުރެ ޖާގައިގެ ގޮތުންނާ ވަޞީލަތުގެގޮތުން ބެލިކަމުގައިވިޔަސް ތަނަވަސް، ރީތި އަދި ފުރިހަމަ އިމާރާތަކަށް. އެ ސްކޫލުގެ ކުދިން މީގެ ކުރިން އުފުލި ތަކުލީފު އަލުން އުފުލަންނުޖެހޭނެކަން މި ސަރުކާރުން ޔާޤީންކޮށްދޭނެ." މިއުވާން ވިދާޅުވި އެވެ.

މީގެ އިތުރުން އަރަބިއްޔާ ސްކޫލުގެ އައު އިމާރާތާއި، ޖަމާލުއްދީން ސްކޫލުގެ އެނެކްސް އިމާރާތުގެ މަސައްކަތަށް ޖުމްލަ 168 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާ ކަމަށާއި މިއީ މިހާރުވެސް މަސައްކަތް ކުރިއަށްދާ ޕްރޮޖެކްޓެއް ކަމަށް ވެސް ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގެ އައު އިމާރަތް އެޅުމަށްޓަކާއި ބައު ޖަމާލުއްދީން ސްކޫލް ތަޅާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތް މިމަހުގެ ފަހުކޮޅަށް ނިންމާލެވޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފަ އެވެ.