މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ކުޑަ ގައުމު ކޮސްޓަރީކާ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅުނީ 1990 ވަނަ އަހަރު އިޓަލީގައި ބޭވި މުބާރާތުގައެވެ. އޭގެ ފަހުން ޖެހިގެން އައި 1994 އަދި 1998 ގެ މުބާރާތަށް އެޓީމު ކޮލިފައިއެއް ނުވެއެވެ.
އޭގެ ފަހުން 2002 ވަނަ އަހަރު ޖަޕާން ކޮރެއާގައި ބޭއްވުނު ވޯލްޑް ކަޕާއި 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވުނު ވޯލްޑް ކަޕުގައި ކުޅުނެވެ. މި ތިން މުބާރާތުގައި ވެސް ކޮސްޓަރިކާ ކެޓީ ގުރޫޕް މަރުހަލާއިންނެވެ. އޭގެ ފަހުން 2010 ވަނަ އަހަރުގެ މުބާރާތަށް ކޮސްޓަރިކާ ކޮލިފައިއެއް ނުވެއެވެ. ނަމަވެސް ޖެހިގެން އައި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު މުބާރާތައް ކޮލިފައިވެ، އެ މުބާރާތުގައި އެ ޓީމުން ކުޅުނެވެ. މި މުބާރާތުގެ ކްއާޓާ ފައިނަލަށް ކޮސްޓަރީކާ ދަތުރު ކުރި އެވެ. ކްއަޓާ ފައިނަލުގައި އެ ޓީމު ބަލިވީ ޕެނަލްޓީ ޖަހައިގެން ހޮލެންޑް އަތުންނެވެ. މިއީ ކޮސްޓަރިކާގެ ވޯލްޑް ކަޕް ތާރީޚުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ.
އޭގެ ފަހުން އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވުނު ވޯލްޑް ކަޕް މުބާރާތުގައި ވެސް އެޓީމުން ވާދަކުރިއެވެ. ނަމަވެސް އެމުބާރާތުން ވެސް އެޓީމު ކެޓީ ގުރޫޕް މަރުހަލާއިންނެވެ.
ކޮލިފައިވީ ގޮތް
ކޮސްޓަރިކާ ވޯލްޑްކަޕަށް ކޮލިފައިވީ، އުތުރު އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގެ ހަތަރު ވަނަ ހޯދައިގެންނެވެ. ސަރަހައްދުގެ އެއްވަނަ ހޯދީ ކެނެޑާއިންނެވެ. ދެވަނަ ލިބުނީ މެކްސިކޯއަށެވެ. މި ދެޓީމަށް ވެސް ޕޮއިންޓް ލިބިފައިވަނީ އެއްވަރަކަށެވެ. އެއީ 14 މެޗުން 28 ޕޮއިންޓެވެ. ކެނެޑާއަށް ކުރި ލިބުނީ ފައިދާ ގޯލުންނެވެ. ތިންވަނަ ހޯދީ އެމެރިކާއިންނެވެ. އެއީ 14 މެޗުން 25 ޕޮއިންޓެވެ. ކޮސްޓަރިކާއަށް ހަތަރުވަނަ ލިބުނީ 14 މެޗުން 25 ޕޮއިންޓް ލިބިގެންނެވެ. އެމެރިކާއާއި ކޮސްޓަރިކާއަށް ޕޮއިންޓް އެއްވަރަށް ލިބުނު ނަމަވެސް އެމެރިކާ ތިންވަނާގައި އޮތީ ފައިދާ ގޯލުންނެވެ. އެއީ ދެ ގޯލުގެ އެޑްވާންޓޭޖަކުންނެވެ.
މުހިންމު ކުޅުންތެރިން
ކޭލޯ ނާވަސް

ކޮސްޓަރިކާގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުންއަންނަ ގޯލްކީޕަރު ކޭލޯ ނާވަސް އެވެ. ކޮސްޓަރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެފަހަރު ހޯދާފައިވެއެވެ. ނާވަސް ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި އެކު ޔޫއެފާ ޗެމްޕިއަންސް ލީގު ތިން ފަހަރު ހޯދާފައެވެ. ކުލަބު ފެންވަރުގައި ކާމިޔާބީތައް ލިބިފައިވީ ނަމަވެސް ގައުމީ ފެންވަރުގައި ނަވަސްއަށް އަދި ކާމިޔާބީއެއް ނުލިބެއެވެ. އުމުުރުން 35 އަހަރުގެ ނަވަސް އަށް މިފަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ އެންމެ ފަހު މުބާރާތެވެ. ނަވަސް އެންމެ ފުރަތަމަ ކޮސްޓަރީކާ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިހާތަނަށް 107 ނެޗުގައި ނަވަސް ކޮސްޓަރީކާގެ ގޯލު ބަލަހައްޓައިދީފައިވެއެވެ.
ބްރައިއަން ރުއިޒް

ކޮސްޓަރިކާގެ ލީގާ ޑިޕޯޓިވާ އަލަޖުއެލެންސޭގެ މިޑްފީލްޑަރ ބްރައިއަން ރުއިސް އަކީވެސް ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ. ތަޖުރިބާކާރު އެޓޭކިން މިޑްފީލްޑަރ ރުއިސް އަކީ މިވަގުތު ކޮސްޓަރީކާ ޓީމުގައި ހުރި އެންމެ އުރުން ދުވަސްވީ ކުޅުންތެރިއާވެސްމެއެވެ. 2014 އާއި 2018 ގެ ވޯލްޑް ކަޕްގައި އޭނާ ކުޅުނެވެ. ރޫއިސް ވަނީ 2014 ވަނަ އަހަރު ކުޅުނު ކޮޕަސެންޓްރޮއެމެރިކާނާ މުބާރާތުގައި މޮޅުކުޅުމެއް ދައްކާ އެ މުބާރާތުގެ ޗެމްޕިއަންކަން ވެސް ކޮސްޓަރިކާ ޓީމާއި އެކު ހޯދާފައެވެ. 2005 ވަނަ އަހަރު ކޮސްޓަރިކާ ޓީމަށް ކުޅެން ފެށި ރޫއިސް ވަނީ މިހާތަނަށް 145 މެޗު ކޮސްޓަރިކާ ޓީމަށް ކުޅެދީފައެވެ. އަދި 29 ލަނޑު ޖަހައިދީފައިވެއެވެ.
ކޯޗު

އުމުރުން 62 އަހަރުގެ ލުއިސް ފެނާންޑޯ ސުރޭޒް ކޮސްޓަރީކާ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2021 ގަ އެވެ. ގައުމީ ފެންވަރުގައި ކުޅުމުގެ ފުރުސަތު ނުލިބުނަސް ކޮލަމްބިއާގެ ބައެއް މަޝްޙޫރު ކުލަބުތަކަށް ކުޅެފައިވެއެވެ. ސުއަރޭޒް 2004 އިން 2007 އަށް އެކުއެޑޯ ގައުމީޓީމަށް ކޯޗުކަން ކޮށްދިނެވެ. އޭގެ ކުރިން އޭނާ ވަނީ ކޮލަމްބިއާ އަދި އެކުއެޑޯގެ ކުލަބުތަކަށް ކޯޗުކޮށްދީފަ އެވެ. ކޯޗިން ކެރިއަރުގައި މާގިނަ ކާމިޔާބީތަކެއް ހޯދިފައެއް ނުވެއެވެ. ސުއަރޭޒް އަށް ހަމަ އެކަނި ހޯދުނު ކާމިޔާބީ އަކީ އެތްލެޓިކޯ ނޭޝަނަލް އަށް ކޮލަމްބިއާގެ ލީގު ހޯދައިދިނުމެވެ.
ސުއަރޭޒްގެ އިރުޝާދުގެ ދަށުން ކޮސްޓަރީކާ މިހާތަނަށް ކުޅުނު 23 މެޗުގެ ތެރެއިން 13 މެޗުން ވަނީ މޮޅުވެފަ އެވެ. ފަސް މެޗު އެއްވަރުވިއިރު، ފަސް މެޗުން ވަނީ ބަލިވެފައެވެ. މި ފަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ ސުއަރޭޒްގެ އިރުޝާދުގެ ދަށުން ކޮސްޓަރީކާ ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ.
ގުރޫޕުގައި އޮތް ފުރުސަތު
ކޮސްޓަރިކާ އޮތީ ވަރުގަދަ ޖަރުމަން އަދި ސްޕެއިން ވެސް ހިނެނޭ ގުރޫޕް އީގައެވެ. މި ގުރޫޕަކީ ކޮސްޓަރީކާއަށް ފަސޭހަ ގުރޫކަމަށް ނުވާނެއެވެ. މި ގުރޫޕަށް ބަލާއިރު، ކޮސްޓަރިކާއަށް ދެވަނަ ބުރުން ފުރުސަތު ލިބުން އުނދަގޫވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!