އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ބްރައިޓަން ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ބްރައިޓަން ކާމިޔާބު ކޮށްފިއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ޗެލްސީގެ މައްޗަށް ކުރި ހޯދާފައި ވަނީ 4-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

މިއީ މި ސީޒަން ފެށުނުއިރު ބްރައިޓަންއަށް ކޯޗް ކޮށްދިނުމަށް ފަހު، ފާއިތުވި ސެޕްޓެމްބަރ މަހު ޗެލްސީގެ ކޯޗްކަމާއި ހަވާލުވި ގްރަހަމް ޕޮޓާ ލީގުގައި ނާކާމިޔާބާއި ކުރިމަތިލާން ޖެހުނު ފުރަތަމަ މެޗެވެ. އަދި މިއީ ޕޮޓާއަށް ފަހު ބްރައިޓަންގެ ކޯޗްކަމާއި ހަވާލުވި ރޮބާޓް ޑި ޒާބީގެ އިރުޝާދުގެ ދަށުން ބްރައިޓަން ހޯދި ފުރަތަމަ މޮޅެވެ.

މެޗުގެ ފުރަތަމަ ފަސް މިނެޓްގެ ތެރޭ ބްރައިޓަންއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މިޓޯމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޓްރޮސާޑެވެ.

މެޗުގައި ބްރައިޓަންއިން ކާމިޔާބުކުރި ދެވަނަ ލަނޑާއި ތިންވަނަ ލަނޑަކީ ވެސް ޗެލްސީގެ ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑުތަކެވެ. މިގޮތުން މެޗުގެ ދެވަނަ ލަނޑު 14 ވަނަ މިނެޓުގައި ބްރައިޓަންއިން ނެގި ކޯނަރެއް ދިފާއު ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭ ޗެލްސީގެ ލޮފްޓަސް ޗީކްގެ ފައިގައި ޖެހި ބައިކޮޅަށް ލަނޑު ވަދެފައިވާއިރު، ތިންވަނަ ލަނޑު 42 ވަނަ މިނެޓުގައި ބްރައިޓަންއިން އުފެއްދި ހަމަލާއަކަށް ހުރަސް އަޅަން މަސައްކަތް ކުރުމުގެ ތެރޭ ޗެލްސީގެ ޑިފެންޑަރ ޗަލޮބާގެ ފައިގައި ޖެހިފައި ވަނީ ބައިކޮޅަށް ވަދެފައެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓްތެރޭ ޗެލްސީން ވަނީ ލަނޑުޖަހާފައެވެ. މި ލަނޑު ގަލަގާ ބްރައިޓަންގެ ގޯލުގެ ކުރިމަށްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ހަވާޓްޒްއެވެ.

މި ލަނޑަށް ފަހު މެޗު ޑޮމިނޭޓް ކޮށްގެން ޗެލްސީން ކުޅުނު ނަމަވެސް، ބްރައިޓަންއިން ވަނީ ޗެލްސީއަށް ލަނޑުޖަހާނެ ފުރުޞަތު ނުދީ ހިފަހައްޓާފައެވެ. ބްރައިޓަންއިން މެޗުގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޕަސްކަލް ގްރޮސްއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ބްރައިޓަން މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 8 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 12 މެޗުން 18 ޕޮއިންޓެވެ. މެޗުން ބަލިވި ޗެލްސީ މިވަގުތު އޮތީ ތާވަލުގެ 5 ވަނާގައެވެ. ޗެލްސީއަށް 12 މެޗުން ލިބިފައި ވަނީ 21 ޕޮއިންޓެވެ.

މިރޭ ޕްރިމިއާ ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު، ޓޮޓެންހަމުން ވަނީ ބޯންމައުތު 2 ލަނޑު ޖަހާފައި ވަނީކޮށް ފަހަތުން އަރައި 3 ލަނޑު ޖަހައިގެން މެޗު ކާމިޔާބު ކޮށްފައެވެ. ނިއުކާސަލް 4-0 ގެ ނަތީޖާއިން އެސްޓަންވިލާ ބަލިކުރިއިރު، ކްރިސްޓަލް ޕެލަސް ވަނީ 1-0 ގެ ނަތީޖާއިން ސައުތެމްޓަން ބަލިކޮށްފައެވެ. ބްރެންޓް ފޯޑާއި ވުލްވްސް ބައްދަލުކުރި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.

ޓޮޓެންހަމް މިވަގުތު އޮތީ ތާވަލުގެ ތިން ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 13 މެޗުން 26 ޕޮއިންޓެވެ. މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނިއުކާސަލް މިވަގުތު އޮތީ ތާވަލުގެ 4 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 13 މެޗުން 24 ޕޮއިންޓެވެ.