އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފިއެވެ.

ލެސްޓާގެ ކިންގް ޕަވަރ ސްޓޭޑިއަމްގައި ކުޅުނު މި މެޗު މެންޗެސްޓާ ސިޓީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިން ލެސްޓާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

Ad
rt

އަނިޔާގެ ސަބަބުން މި މެޗަށް ގާޑިއޯލާ ނެގި ޓީމްގައި އެ ޓީމްގެ އިތުބާރު ފޯވާޑް ހާލަންޑް ހިމަނާފައިނުވާއިރު، ހާލަންޑްގެ ބަދަލުގައި މި މެޗުން ފުރުޞަތު ދީފައި ވަނީ އާޖެންޓީނާގެ ޒުވާން ފޯވާޑް އަލްވަރޭޒްއަށެވެ.

މުޅި މެޗު ކޮންޓްރޯލް ކޮށްގެން ސިޓީން ކުޅެ ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. މެޗުގައި ސިޓީން ކާމިޔާބުކުރި ހަމައެކަނި ލަނޑި ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބު ކޮށްދީފައި ވަނީ ޑިބްރޭނާއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ލެސްޓާގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ.

މި މޮޅާއިއެކު ސިޓީއަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބެނީ ކުޅުނު 12 މެޗުން ލިބުނު 29 ޕޮއިންޓާއިއެކުގައެވެ. ދެވަނާގައި މިވަގުތު އާސެނަލް އޮތީ 11 މެޗުން ލިބުނު 28 ޕޮއިންޓާއިއެކުގައެވެ. އާސެނަލް މާދަމާ ރޭ ނޮޓިންހަމް ފޮރެސްޓާއި ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލުމުގެ ފުރުޞަތު އެބަ އޮތެވެ. ސިޓީ އަތުން ބަލިވި ލެސްޓާ މިވަގުތު އޮތީ ތާވަލުގެ 17 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 13 މެޗުން 11 ޕޮއިންޓެވެ.