ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ހިމެނި ވަޑައިގަންނަވާހެން އެމިނިސްޓްރީގެ ވަފުދެއް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އާތިފް އާއި އެ މިނިސްޓްރީގެ އިސްބޭފުޅުން މިއަދު ހއ. އަތޮޅުން ވަޑައިގަންނަވާފައިވަނީ މޮޅަދޫ އާއި ހޯރަފުއްޓަށެވެ. ހދ. އަތޮޅުން ވަޑައިގެންނެވީ ނޮޅިވަރަމް އާއި ކުޅުދުއްފުށި ސިޓީ އަށެވެ.

Ad
rt
ނޮޅިވަރަމުގައި ބޭއްވި ބައްދަލުވުމުގައި ހދ. އަތޮޅުކައުންސިލްގެ ރައީސް އަދި ނޮޅިވަރަމްދާއިރާގެ މަޖިލިސް މެމްބަރ މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިއީ ތިލަދުންމަތީގެ ރަށްތަކުގައި ފަތުރުވެރިކަމުގެ ހާލަތު ދެނެގަނެ، ލޯކަލް ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވިދާނެ ކަންކަން ފާހަގަކުރުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. އަދި އެކަންކަން ރާވައި ހިންގުމާއި ގުޅޭގޮތުން ރަށުގެ މުވައްސަސާތަކާއި އިސްވެރިންނާއި މަޝްވަރާ ކުރެއްވުމަކީ ވެސް މި ދަތުރުފުޅުގެ މަގުސަދެކެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މި ވަފުދުގެ ބޭފުޅުން ކުޅުދުއްފުށި ރައްޔިތުންނާ ބައްދަލުކުރެއްވުން މިރޭ އޮންނާނެ ކަމަށެވެ. މިރޭ 20:20 ގައި މި ބައްދަލުކުރެއްވުން އޮންނާނީ އަފީފުއްދީން ސްކޫލު ހޯލުގަ އެވެ.

އެކައުންސިލުން އިތުރަށް ވިދާޅުވީ އެއީ ކުޅުދުއްފުށީގައި ފަތުރުވެރިކަމާ ގުޅުންހުރި ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރިވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިއަށް ޝައުޤުވެރިކަން ހުރި އާއްމު ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުމެއްކަމަށެވެ.

މިވަފުދުގެ ބޭފުޅުން މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކުމުންދޫ، ނޭކުރެންދޫ، ވައިކަރަދޫ އަދި މަކުނުދޫ އަށެވެ.

މީގެ ކުރިންވެސް ޓުރިޒަމް މިނިސްޓްރީން އެކި އަތޮޅުގެ ރަށްތަކަށް މިފަދަ ދަތުރުތަކެއް ވަނީ ކުރައްވާފަ އެވެ. އެގޮތުން ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

ހދ. އަތޮޅަކީ ފަތުރުވެރިކަން އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ އެއް އަތޮޅެވެ.