ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މަރުވި އައްޑޫ ފޭދޫ / ސޮލިޑް، މުހައްމަދު ޒަޔާން މޫސާ ގެ މަރުގެ ތުހުމަތުގައި މިހައިތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެ އެވެ.
އެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ އުމުރުން 21 އަހަރުގެ ޒަޔާން މަރުވުމުގެ ކުރިން ހަމަލާދިން ގޮތާއި ހަމަލާދިން މީހުން ކިޔައިދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޒަޔާންއަށް ހަމަލާދީ މާރާމާރި ހިންގި މައްސަލަ ހުށަހަޅާފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ މެންދަމު އައްޑޫ ގަމު ޕޮލިސް ސްޓޭޝަނަށް ކަމަށާއި އެ މައްސަލަ ހުށަހެޅި ޒަޔާންގެ އާއިލާގެ ފަރާތުން ކަމަށެވެ. އަދި ފުލުހުން ސީންއަށް ދިޔައިރު ޒަހަމްތަކާއެކު ޒަޔާން ގޭގައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭނާއަށް (ޒަޔާނަށް) އެވަގުތު ވާހަކަ ދެއްކޭތީ ބައެއް ވާހަކަތައް އޭނާ ފުލުހުންނަށް ވަނީ ކިޔައިދީފަ. އެގޮތުން ހަމަލާދިން ގޮތާއި ހަމަލާދިން މީހުންނާ ގުޅޭ ވާހަކަތައް ވަނީ ދައްކާފަ" ސާމިހް ވިދާޅުވި އެވެ.
މީގެ އިތުރުން ސާމިހް ވިދާޅުވީ މިއީ ދުރާލާ ރާވައިގެން ހިންގާފައިވާ މާރާމާރީއެއް ކަމަށް ތަހުގީގަށް މިހައިތަނަށް އެނގިފައިވާ ކަމަށާއި މިއީ އައްޑޫ ސިޓީގެ ފޭދޫގައި ޖަމާއަތް ހަދައިގެން ކުށް ކުރަމުން އަންނަ ދެ ބައެއްގެ ތެރޭގައި ހިންގި ސިލްސިލާ މާރާމާރީއެއް ކަމަށެވެ.
އެގޮތުން ޒަޔާން މަރާލީ ބަދަލު ހިފުމުގެ މާރާމާރީއެއްގެ ތެރެއިން ކަމަށާއި ތަހުގީގަށް ހޯދުނު ހެކިތަކަށް ބަލާއިރު ހަމަލާދިނުމަށް ބޭނުންކުރި ބައެއް ތަކެތި ނައްތާލުމަށް އަލިފާން ހުޅުގަނޑެއް ޖަހައި މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ސާމިހް ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.
ކްރައިމް ސީންއިން ހޯދުނު ބައެއް ހެކިތައް އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހެއްގެ ޑީއެންއޭއާ ދިމާވާކަން ފާހަގަކުރައްވާ ސާމިހް ވިދާޅުވީ އެ ހަމަލާ ދިނުމުގަޔާއި ހެކި ނައްތާލުމުގައި ހަރަކާތްތެރިވެފައި ވަނީ ހަ މީހެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 15 އަހަރާއި 19 އަހަރާ ދެމެދުގެ ބައެއް ކަމަށް ސާމިހް ވިދާޅުވި އެވެ.
ޒަޔާނަަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ މިދިޔަ މޭ މަހުގެ 31 ވަނަ ދުވަހުގެރޭ ފޭދޫގައި ހިންގި އެ މާރާމާރީގަ އެވެ. ޒަޔާން މަރުވީ އޭނާއަށް ލިބުނު ޒަޚަމްތަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެ މާރާމާރީ އަކީ ދެ ގްރޫޕެއްގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމެއްގެ އިތުރުން މަސްތުވާތަކެއްޗާ ގުޅުން ހުރި މާރާމާރީއެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!